Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އައްޑޫ ވެޓެރަންސް ބެޑްމިންޓަން މުބާރާތް ފަށައިފި

އައްޑޫ ބެޑްމިންޓަން ކްލަބް (އޭބީސ) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ވެޓެރަންސް ބެޑްމިންޓަން ޓޯނަމެންޓް 2018" މިރޭ ފަށައިފި އެވެ.

ހިތަދޫ ޔޫތް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތަކީ އުމުރުން 40 އަހަރުން މަތީގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

މުބާރާތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އޭބީސީގެ ރައީސް، އަހްމަދު ނަދީމް ވިދާޅުވެފައިވަނީ މިމުބާރާތަކީ އެ ޖަމިއްޔާއިން މިއަހަރަށް އިންތިޒާމް ކޮށްފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތް ކަމަށެވެ.

އޭބީސީން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ވެޓެރަންސް މުބާރާތަށް މިއަހަރު ވަނީ ވަރަށް ބޮޑު ތާއީދެއް ލިބިފައެވެ. މުބާރާތުގެ ބައިވެރިންނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އޭބީސީއިން ހާމަކޮށްފައިވާ ގޮތުގައި ޖުމުލަ 27 ކުޅުންތެރިޔަކު ވަނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައެވެ.

އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކުޅުންތެރިންނަކީ އަންހެން ކުޅުންތެރިން ކަމަށް އޭބީސީއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ބެޑްމިންޓަން ތެރެއަށް އަންހެނުންގެ ލޯބި ވަދެފައި މިވަނީ މިދިޔަ އަހަރު އެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި ބެޑްމިންޓަން ފިއެސްޓާގައި ކަނބަލުންނަށް ޚާއްސަ ޕްރޮގްރާމެއް އިންތިޒާމް ކުރުމަށް ފަހުގައި ކަމަށެވެ.

އަދި މުބާރާތުގައި ބައިވެރި ނުވިޔަސް މިހާރު އެ ޖަމިއްޔާއާއި ގުޅިގެން ބެޑްމިންޓަން ކުޅުމަށް ދާ އަންހެން ކަނބަލުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭބީސީން ވަނީ ފާހަގަކޮށްފަ އެވެ.

މުބާރާތުގައި މިރޭ ވެސް ވަނީ ފަސް މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ.