Last Updated: June 12, 11:16
Friday, June 12, 2026
ކުޅިވަރު

ބޮޑު ތަފާތަކުން ގައުމީ ޓީމް ބޫޓާންގެ މައްޗަށް ކުރި ހޯދައިފި

photo: mihaaru

ރޭ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ދިވެހި ގައުމީ ޓީމާއި ބޫޓާން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-7 ގެ ބޮޑު ނަތީޖާއިން ދިވެހިން މޮޅުވެއްޖެއެވެ.

ގައުމީ ކެޕްޓަން އަދި ވައިސް ކެޕްޓަންވެސް ކުއްލި ގޮތަކަށް ޓީމާއި ދުރުވެ، މުޅި ޓީމަށްވެސް ބޮޑު ޝޮކެއް ކުރިމަތިވެފައިވަނިކޮށް ކުޅުނު މިމެޗުގައި ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މެޗުގައި ހަސަން ނާއިޒް(ދާދު) ވަނީ އެކަނި ހަތަރު ލަނޑު ޖަހާފައެވެ. އަދި އިބްރާހިމް ވަހީދު ހަސަން(އިއްބެ ވަހީދު) ވެސް ވަނީ ލަނޑު ޖަހާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ދިވެހި ޓީމަށް ލީޑު ނަގާދިނީ 39 ވަނަ މިނެޓުގައި ހަމްޒަތް މުހައްމަދެވެ. ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވަނީ ހަމްޒާގެ ލަނޑު އެކަންޏެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ދިވެހިން ވަނީ ލީޑު ފުޅާކޮށްފައެވެ. 66 ވަނަ މިނެޓުގައި ދާދު ގޯލު ޖަހާފައިވަނިކޮށް އިއްބެ އޭނާގެ ލަނޑު ޖަހާފައިވަނީ އޭގެ ދެމިނެޓު ފަހުންނެވެ. އަދި އިއްބެގެ ގޯލަށް މިނެޓެއްވެސް ނުވަނީސް ދާދު ވަނީ ކުޅުން ފެށުމުން އަނެއްކާވެސް ލަނޑެއް ޖަހާފައެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ދާދު އޭނާގެ ތިން ވަނަ ގޯލާއެކު ހެޓްރިކް ހަމަކުރިއެވެ. އަދި 81 ވަނަ މިނެޓުގައި ހަތަރު ވަނަ ލަނޑުވެސް ކާމިޔާބުކޮށް ދިވެހި ޓީމަށް ފުރިހަމަ ނަތީޖާއެއް ކަށަވަރުކޮށްދިނެވެ. މެޗުގެ ފަހު ގޯލު އެންމެ ފަހު މިނެޓުތަކުގެ ތެރޭގައި ޖެހީ ޝާފިއު އަހުމަދުއެވެ.

މެޗުން މޮޅުވި ނަމަވެސް ރާއްޖެ ވަނީ އޭޝިއަން ކަޕް ކޮލިފައިން އިން އަލްވަދާއު ކިޔާފައެވެ. ބޫޓާންއާ ދެކޮޅަށް ކުޅުނު ދެމެޗު ފިޔަވައި އެހެން އެއްވެސް މެޗަކުން ރާއްޖެއަށް މޮޅުނުވެވުނެވެ. ގްރޫޕްގެ އެއްވަނަ ނެގީ ފަލަސްތީނެވެ. އަދި ދެވަނައަށް އޮމާން ގޮސް، ރާއްޖެއަށް ލިބުނީ ތިންވަނައެވެ. ބޫޓާން ދިޔައީ ގްރޫޕުގެ ފުލަށެވެ.