Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

"މޮޅު ހަދިޔާ ކުރާނީ ދަގަނޑޭ އާއި އަޑުބަރޭ އަށް"

ގައުމީ ކޯޗު ސެގަޓް ކުޅުންތެރިންނަށް އިރުޝާދު ދެނީ. އޭނާ ބުނަނީ ކުޅުންތެރިންގެ ކިބައިން އެންމެ ބޮޑަށް ބަލާނީ އަޚުލާގަށް ކަމަށް: ފޮޓޯ -- ސަން

ދިވެހި ޤައުމީ ޓީމު ރޭ ބޫޓާނުގެ މައްޗަށް ހޯދި ފުރިހަމަ ކާމިޔާބީ ހަދިޔާ ކުރާނީ ގައުމީ ކެޕްޓަން އަލީ އަޝްފާގް(ދަގަނޑޭ) އަދި ވައިސް ކެޕްޓަން އަސްހަދު އަލީ(އަޑުބަރޭ) އަށް ކަމަށް ގައުމީ ކޯޗު، ސެގެޓް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސުގައި ގައުމީ ކެޕްޓަންގެ ހައިސިއްޔަތުން ބައިވެރިވާން އެންގުމުން، ބައިވެރިނުވި ކަމަށް ބުނެ އަޝްފާގު ޓީމުން ވަކިކުރުމަށް ފަހު، އިއްޔެ ވައިސް ކެޕްޓަން އަޑުބަރޭ ވަނީ ކުއްލި ގޮތަކަށް ގައުމީ ޓީމުން ރިޓަޔާކުރި ކަން އިއުލާންކޮށްފައެވެ.

ރޭގެ މެޗަށް ގައުމީ ޓީމު ނިކުމެފައިވަނީ އެންމެ ސީނިއާ ދެކުޅުންތެރިންނާ ނުލާ ކުޅެން ޖެހުމުން ކުއްލި ޝޮކަކާއެކުގައެވެ. އަދި ގައުމީ ޓީމުގެ މެޗަކަށް ގަލޮޅު ދަނޑަށް ވަން އެންމެ މަދު ސަޕޯޓަރުންނާއެކީ ކުޅުނު މެޗުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

ހަތް ލަނޑު ސުން ލަނޑުން ގައުމީ ޓީމު މެޗު ކާމިޔާބުކުރުމުން ކޯޗު ސެގަޓް ވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އޭނާ ބުނެފައިވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިމޮޅު ހަދިޔާ ކުރުމަށް ބޭނުންވަނީ ގައުމީ ޓީމާއި ވަކިވެފައިވާ ދެކުޅުންތެރިން، ދަގަނޑޭ އަދި އަޑުބަރޭއަށް ކަމަށެވެ.

ސެގަޓް އިތުރަށް ބުނެފައިވަނީ ދެ ކުޅުންތެރިންނަކީ އަދިވެސް ގައުމީ ޓީމުގެ ބަޔެއް ކަމަށާއި އެމީހުންގެ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ކޯޗު ވަނީ ބުނެފައެވެ. އަދި ކުޅުންތެރިންގެ އަޚުލާގަކީ އޭނާ އެންމެ އިސްކަންދޭނެ ކަން ކަމަށާއި އަޚުލާގު ހުރިހާ ކުޅުންތެރިންގެ ވެސް ރަނގަޅު ވާން ޖެހޭނެ ކަމަށް ކޯޗު ދިން ޕްރެސް ކޮންފަރެންސުގައި ބުނެފައިވެއެވެ.