Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މިފްކޯއިން މަސް ޕެކެޓް އެކްސްޕޯޓް ކުރަން ފަށައިފި

މިފްކޯއިން ފުރަތަމަ ފަހަރަށް ޕެކެޓްކުރި މަސް، ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރަން ފަށައިފިއެވެ.

މިފްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، އަދްލީ އިސްމާއިލް ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް ޕައުޗް(ޕެކެޓްކުރި މަސް) އެކްސްޕޯޓު ކުރާނީ އެމެރިކާއަށް ކަމަށެވެ.

އަދި އިނގިރޭސި މާކެޓަށްވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މިބާވަތުގެ މަސް އެކްސްޕޯޓު ކުރާނެ ކަމަށާއި އެމަސައްކަތުގެ ބޮޑުބައި މިހާރުވެސް ވަނީ ނިމިފައި ކަމަށް އަދްލީ ވިދާޅުވިއެވެ.

އަދްލީ ވިދާޅުވެފައިވަނީ މިމަސައްކަތް ފަށާފައި މިވަނީ ފެލިވަރު އަޕްގްރޭޑީންގެ މަސައްކަތް ނިމުމުން ޕައުޗް އުފައްދަން ހާއްސަ ވަސީލަތް ތަކެއް ގާއިމްކޮށްގެން ކަމަށެވެ. މިއީ 15 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރި މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދްލީ ވިދާޅުވެފައިވަނީ ޕެކެޓްކުރި މަސް ބޭރު ކުރަން ފެށުމުން މިފްކޯއަށް ގެއްލިފައި ހުރި ގިނަ މާކެޓްތައް އަނބުރާ ލިބޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއިން ބޭރުކުރާ އެކްސްޕޯޓުގެ އަދަދުތައް ވެސް ކުރިއަރާ ދާނެ ކަމަށް މިފްކޯއިން ގަބޫލުކުރެއެވެ.