Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ޖަލްސާތައް އަންނަ ހަފުތާގައި އަލުން ފަށައި، މަޖިލީހުގެ މަސައްކަތްތައް އަންނަ ހަފުތާއިން ފެށިގެން ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ، އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާނާ ހަވާލާދީ ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދަނީ އިދިކޮޅު މެމްބަރުންގެ އެއްބާރުލުން ނުލިބޭތީއެވެ. ނިހާން ވިދާޅުވެފައިވަނީ މަޖިލީހުގައި ތިބި މަސައްކަތް ތަކަކީ ހަމައެކަނި ސަރުކާރު ކޯލިޝަނުގެ މެމްބަރުން ތިބެގެން، އިދިކޮޅު މެމްބަރުންގެ ބައިވެރިވުން ނުލިބި ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ނޫނެވެ.

އިދިކޮޅު މެމްބަރުން ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ކުރި އަމުރު ތަންފީޒު ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައެވެ. ރައީސުލްޖުމުހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައިވެސް އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި އެއްވެސް ޖަލްސާއެއްގައި އަދި ވޯޓަށް އެހުމުގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުން ބައިވެރިވެފައެއް ނުވެއެވެ. އޭގެ ފަހުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް އަދި ފަނޑިޔާރުންގެ ގާނޫނަށް ގެނައި ބަދަލަކީވެސް އިދިކޮޅު އެއްވެސް މެމްބަރެއްގެ ބައިވެރިވުމެއް ނެތި ފާސްކުރި ދެ ބިލެވެ.