Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ސްޕޯޓްސް ކޮމިޝަނަރަކަށް އަލީ އުމަރު ހަމަޖައްސައިފި

އަލީ އުމަރު - ފޮޓޯ: މިހާރު

ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަލީ އުމަރު ހަމަޖައްސައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ކަމުގައިވާ އަލީ އުމަރު އެ މަޤާމަށް ހަމަޖައްސާފައި ވަނީ މިއަދެވެ. އޭނާ އެމަޤާމަށް ހަމަޖެއްސީ ކުރިން އެ މަޤާމުގައި ހުންނެވި އަހުމަދު ނަޝީދު (ޑޭވް) އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަކީ 2015 ވަނަ އަހަރު ރައިސްލުޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި ކުޅިވަރު ޤާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ ޤާނޫނު ބުނާ ގޮތުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސް އެ އޮފީހުން ބަލަހައްޓަން ޖެހެ އެވެ.

2013 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވި އަލީ އުމަރު އޭގެ ފަހުންވެސް ފެންނަމުން އައީ ކުޅިވަރުގެ އިދާރާ ހިންގުމުގެ ތެރެއިންނެވެ. އޭނާ އަކީ ދިވެހި ޤައުމީ ޓީމަށް 14 އަހަރު ކުޅުއްވާފައިވާ ހުނަރުވެރި މޮޅު ބޭފުޅެކެވެ.

އަލީ އުމަރު ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާއިން އެފްއޭއެމް ހިންގަން ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުކަމާއި، އެފްއޭއެމްގެ ނައިބު ރައީސްގެ މަޤާމްވެސް އަދާކުރައްވާފައެވެ.

ޚިޔާލުތަފާތުވުންތަކެއް އުފެދި ނައިބު ރައީސްގެ މަޤާމުން ފަހުން އިސްތިއުފާ ދެއްވިއިރު ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި އަލުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް މިދިޔަ އަހަރު އޭނާ ވަނީ އައްޔަންކޮށްފަ އެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގެ ވެސް މެމްބަރުކަން ކުރައްވާ އަލީ އުމަރަކީ އެ ޖަމިއްޔާ އިން ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2008 ވަނަ އަހަރު ރާއްޖޭން ކާމިޔާބުކުރިއިރު އަދި 2003 ވަނަ އަހަރު ދެ ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރެއްވި ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.