Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ހައްޔަރު ކުރި 32 މީހަކު އަދިވެސް ޖަލުގައި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ - ފޮޓޯ: ވީނިއުސް

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ހައްޔަރުކުރި މީހުންގެ ތެރެއިން އަދިވެސް 32 މީހަކު ބަންދުގައި އެބަތިބި ކަމަށް މަޝްހޫރު ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ހިސާން މިހެން ވިދާޅުވެފައި ވަނީ އެސްއޯއީގެ ދަށުން ހައްޔަރުކުރި ބަޔަކު ބަންދުގައި ތިބުމުން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ހިސާން ވިދާޅުވީ އަދިވެސް 32 މީހަކު ބަންދުގައި އެބަ ތިބި ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.

އަދި ގިނަ ބަޔަކު ދޫކޮށްލާފައވާތީ ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް ސަރުކާރުން އެ ހުރިހާ އެންމެން ވެސް މިނިވަން ކުރަން ޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ.

ނިމިގެންދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒްނުކޮށް، ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ޚިލާފަށް އިތުރު 30 ދުވަހަށް ދިގުދަންމާލުމަށްފަހު، އެ ޙާލަތު ނިމުމަކަށް ގެނައީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފުލުހުން ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު ފުލުހުންގެ އިދާރާއިން ހާމަކޮށްފައެެއް ނުވެ އެވެ. ނަމަވެސް އެ އަދަދު 300 އަށް ވުރެ މައްޗަށް އަރާކަމަށް އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުލުހުން އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އެރޭ އެކަނިވެސް ފުލުހުން ވަނީ 141 މީހަކު ހައްޔަރުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުންގެ އިތުރުން ސިޔާސީ ލީޑަރުންނާއި، ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވިޔަފާރިވެރިންނާއި، ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރައްވާ އޮފިސަރުން ވެސް ހިމެނެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރިން ކޮމިޝަނާ އޮފް ޕޮލިސްކަން ކުރައްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ އަހްމަދު އަރީފާއި، އަބްދުﷲ ރިޔާޒާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ބައެއް މެންބަރުން އަދިވެސް ތިއްބެވީ ޖަލުގަ އެވެ.