ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން މާފަންނު ކުނޫޒްގައި މާދަމާ ރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް ޕާޓީތަކުން ބުނެފިއެވެ.
މި ޚަބަރު އިދިކޮޅު އެމްޑީޕީ އިން ވެސް ވަނީ ޓްވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ.
ޖަލްސާއާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓް ކުރާ ގޮތުގައި ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ކުނޫޒް ޖަލްސާތައް މާދަމާ ރޭ ފެށުމަށް ނިންމާފައިވާ ކަމަށާއި، ޖުމްހޫރީ މާލަމުގައި ބާއްވާ ޖަލްސާ މާދަމާ ރޭ 21:15 ގައި ފެށުމަށް ހަަމަޖެހިފައިވާ ކަމަށެވެ.
މި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އިސް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ވީހާވެސް ގިނަ އާންމުން ވެސް މި ޖަލްސާގައި ބައިވެރިވުމަށް ޕާޓީތަކުން ވަރަށް ބޮޑަށް އެދެއެވެ.
ވޭތިވެދިޔަ ދުވަސްތަކުގައި ޕާޓީތަކުން ކުރިއަށްގެންދިޔަ މަގުމަތީ ހަރަކާތްތަކުގައި ކޮންމެ ރެއަކުވެސް އެތަށް ސަތޭކަ ބަޔަކު ބައިވެރިވަމުންދާއިރު، ޕާޓީތަކުގެ ޙަރަކާތްތައް ހުއްޓުވުމަށް ފުލުހުން ވަނީ ކޮންމެ ރެއަކުހެން ބާރުގެ ބޭނުންކޮށްފައެވެ. އަދި މުޒާހަރާތަކުގެ ތެރެއިން ރެކޯޑް އަދަދަކަށް މީހުންވެސް ވަނީ ހައްޔަރުކޮށްފައެވެ. އެހާ ގިނަ އަދަދެއްގެ މީހުން ކޮންމެ ރެއަކު ހައްޔަރުކުރަމުންދިއުމާއި ގުޅިގެން ޖަލުތައްވެސް އޭރު ވަނީ ފުރިގެންގޮސްފައެވެ.
ގުޅިގައިވާ ޕާޓީތަކުން ކުނޫޒް އަދި އެމްޑީީޕީ ހަރުގޭގައި ބާއްވަމުން ދިޔަ ސިލްސިލާ ޖަލްސާތައް މެދުކަނޑާލީ ފެބުރުއަރީ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ދެކޮޅު ހަދާ، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސުޕްރީމް ކޯޓްގެ ތެރެއަށް ސިފައިން ވަދެގަނެ، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހައްޔަރުކޮށް ޖަލުގައި ބަންދުކުރުމާއިއެކު، ކުއްލި ނުރައްކަލުގެ ދަށުންކަމަށްބުނެ ސިޔާސީ ގިނަ ބޭފުޅުންތަކެއް ހައްޔަރުކުރަން ފެށުމުން، އެބޭފުޅުން މިނިވަންކުރުމަށާއި، ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރުމަށް ގޮވާލުމުގެ ގޮތުން މަގުމަތީ ހަރަކާތްތައް ފެށުމަށެވެ.
ޕާޓީތަކުން ކޮންމެ ރެއަކު މަގުމަތީގައި އިހުތިޖާޖުކޮށްފައިވާއިރު، މިމަހުގެ 2 ވަނަ ދުވަހުގެ ހަވީރާއި، 16 ވަނަ ދުވަހުގެ ރޭ ޕާޓީތަކުން ވަނީ ގިނަ އަދަދެއްގެ ރައްޔިތުންނާއިއެކު މަޖީދީމަގުގައި އިހުތިޖާޖުކޮށްފައެވެ. އެގޮތުން 16 ވަނަ ދުވަހުގެ ރޭ ގެ މުޒާހަރާގެ ތެރެއިން އެކަނިވެސް ފުލުހުން ވަނީ 141 މީހަކު ހައްޔަރުކޮށްފަ އެވެ.