Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޖަލުތަކުގެ ހާލަތު ރަނގަޅު: ހިސްޓޯ

ޝިފާގް މުފީދު ޕީޕީއެމްގެ ހަރަކާތެއްގައި ބައިވެރިވަނީ: ފޮޓޯ ރާއްޖެ އެމްވީ

ރާއްޖޭގެ ޖަލުތަކުގެ ހާލަތު އިންސާނުންނާ ނުބައްދަލު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ކުރީގެ ނައިބު ރައީސް، ޝިފާގު މުފީދު(ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ސަރުކާރު ޕްރޮމޯޓް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ހިސްޓޯ ޕީއެސްމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ޖަލުތަކާ ގުޅޭގޮތުން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުގައި ތިއްބަވަނީ ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށާއި އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމެއް ނެތި، އިދިކޮޅު ފަރާތްތަކުން ދައްކާ "ހުސް" ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.

ޖަލުތަކުގެ ހާލަތު ބެލުމަށް ދުރާލާ ރޭވުމެއް ނެތި، އަދި އެއްވެސް ބަޔަކަށް އެންގުމަކާއި ނުލާ ކޮމިޝަނުގެ މެމްބަރުން ޖަލަށް ވަޑައިގެން ރޫޓީން އިންސްޕެކްޝަން ޖައްސާ ކަމަށާއި އެ އިންސްޕެކްޝަންތަކުގައި ޖަލުގެ އާންމު ހާލަތު ބަލައި، ގައިދީންނާއި ސުވާލުކޮށް އިދާރީ ކަންތައް ވެސް ދާ ގޮތް ބަލާ ކަމަށް ހިސްޓޯ ވިދާޅުވިއެވެ.

އަދި ރަނގަޅު ކުރަން ޖެހޭ ކަންތައް ޖަލުގެ އިސްވެރިޔާގެ ސަމާލު ކަމަށް ގެންނާނެ ކަމަށާއި ޖަލުތަކާ ބެހޭ ރިޕޯޓުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހާއި ކަމާ ބެހޭ ހުރިހާ އިދާރާތަކަށް އެ ރިޕޯޓުތައްވެސް ބަރާބަރަށް ފޮނުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ފުރުއްވަމުން އަންނަ ހިސްޓޯ މިހެން ވިދާޅުވި ނަމަވެސް ޖަލުގައި ބަންދުކޮށްފައިވާ ސިޔާސީ ބައެއް ބޭފުޅުންނާ މެދު އަމަލު ކުރައްވާ ގޮތަކީ އިންސާނުންނާ ދޭތެރޭ އަމަލު ކުރަންވާ ގޮތެއް ނޫން ކަމަށް ޖަލަށް ވަޑައިގަންނަވާ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އެދުމުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން ޖަލަށް ވަޑައިގެން ފާރިސްގެ ކަންތައް ބެއްލެވުމަށް ފަހު ވަނީ ފާރިސް ބަންދުކޮށްފައިވާ ގޮޅިއަކީ އިންސާނަކު ބޭއްވުމަށް އެކަށީގެންނުވާ ގޮޅިއެއް ކަން ފާހަގަކޮށްފައެވެ. އަދި އެ ގޮޅިއަކީ ހޫނު ގަދަ، ވައި ވަންނަ އަދި ބޭރުވާ ގޮތަށް ހުރި ގޮޅިއެއް ނޫން ކަމަށާއި ސާފު ބޯފެން ފާރިސްއަށް ނުލިބޭ ކަންވެސް ކޮމިޝަނުން ވަނީ ފާހަގަކޮށް، ހޯމް މިނިސްޓްރީ އަދި ރައީސް އޮފީހަށް އެކަން އަންގާފައިވެއެވެ.