Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

"ޕިއްޒާ ހަޓް" ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި

ޕިއްޒާހަޓް ރަސްމީކޮށް ހުޅުވުން- ފޮޓޯ: އަވަސް (އަހުމަދު ޝުރާއު)

ދުނިޔޭގެ މަޝްހޫރު ޕިއްޒާ ހަދާ ފާސްޓް ފުޑް ޗެއިނެއް ކަމުގައިވާ "ޕިއްޒާ ހަޓް"ގެ އައުޓްލެޓެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ހުޅުވައިފި އެވެ.

އެގޮތުން ރާއްޖޭގައި ހުޅުވާ ޕިއްޒާ ހަޓްގެ ފުރަތަމަ އައުޓްލެޓް 70 މީހުންގެ ޖާގައާއެކު ހުޅުވާފައި ވަނީ މާލޭގެ އަމީނީމަގުގައި ހުންނަ "މާލޭ ސްކޮއާ" ގައެވެ.

ރޭ އެތަން ހުޅުވުމަށްޓަކައި ބޮޑުބެރާއެކު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެތަން ހުޅުވާދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ރާއްޖެއަށް ޕިއްޒާ ހަޓް ތަޢާރަފްކުރީ އަވަށްޓެރި ސްރީލަންކާގައި ވެސް ޕިއްޒާ ހަޓް ހިންގާ ގެމާ ޕިއްޒާ ކްރާފްޓާއި ރާއްޖޭގެ އައިލެންޑް ފުޑްސް މޯލްޑިވްސް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމަށްވާ ގެމާ އައިލެންޑް ފުޑްސްއިންނެވެ.

ޕިއްޒާ ހަޓް ރަސްމީކޮށް ރޭ ހުޅުވި ނަމަވެސް އާންމުންނަށް އެތަން ހުޅުވާލަން ނިންމާފައި ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެންނެވެ. ޕިއްޒާ ހަޓް މޯލްޑިވްސް އިން ވަނީ ވަނީ ފުރަތަމަ 50 ކަސްޓަމަރުންނަށް ޕިއްޒާ ހަޓް ބްރޭންޑްގެ ޓީޝާޓެއް ދިނުމަށް ވެސް ނިންމާފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ގެމާ އައިލޭންޑްގެ ފަރާތުން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައާ މާލޭގައި ޕިއްޒާ ހަޓްގެ އިތުރު އައުޓްލެޓްތައް ކުރިއަށް އޮތް ތަނުގައި ހުޅުވާނެ ކަމަށާއި ވަރަށް އަވަހަށް ކޭއެފްސީގެ އިތުރު އައުޓްލެޓްވެސް ހުޅުވިގެންދާނެ ކަމަށެވެ.

ގެމާ އައިލޭންޑް އިން އަންނަނީ މާލޭ ސްކޮއާގައި "ކޭއެފްސީ" ގެ އައުޓް ލެޓެއްވެސް ހުޅުވަން ނިންމައި ތައްޔާރީތައް ވަމުންނެވެ. ގެމާ އައިލޭންޑް އަކީ ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ 300 އަށްވުރެ ގިނަ އައުޓްލެޓް އިންޑިއާ އަދި ސްރީލަންކާގައި ހިންގަމުން ގެންދާ ފުޑް ކުންފުންޏެކެވެ.

މީގެ އިތުރަށް މާލެ އަށް "ބާގަ ކިންގް" އާއި "ދަ ކޮފީ ކްލަބް" އަންނައިރު، ރަސްފަންނުގައި ހަދާފައިވާ ޕެވިލިއަންގައި އޮސްޓްރޭލިއާގެ "ގްލޯރިއާ ޖީންސް" ގެ އައުޓްލެޓެއް ހުޅުވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

މާލޭގައި މިހާރުވެސް ބަރިސްތާ އާއި މޭރީ ބްރައުން އާއި ސީކްރެޓް ރެސިޕީގެ އައުޓްލެޓަކާއި މޫވެންޕިކް ހުރެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްޤީކުރި އެފްއެންޑްބީ ކޮމްޕްލެކްސްގައި ކޭއެފްސީ އާއި ޕިއްޒާހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓު ހުޅުވުމަށް، އެމެރިކާގެ ރެސްޓޮރަންޓިއާ އެޗްއެމްއެސް ހޯސްޓް އިންޓަނޭޝަނަލްއާ ވަނީ ހަވާލުކޮށްފަ އެވެ.