Last Updated: April 28, 13:39
Sunday, April 28, 2024
ޚަބަރު

އެނދީ ފްލެޓަށް އެދި ހުށަހެޅި ފޯމްތަކެއް ނޫން: މުއިއްޒު

ވިލިމާލޭގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެނދީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހި ކަމުގެ މަޝްރޫއަކުން ފްލެޓަށް އެދިި ހުށަހެޅި ފޯމުތަކެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ ވިލިމާލޭގެ ގުދަނެއްގައި މިދިޔަ މަހު ރޯކޮށްލީ، އެތަނުގައި ހުރި ހައުސިން މިނިސްޓްރީއާ ގުޅޭ މުހިއްމު ހެކިތަކެއް ނައްތާލަން ކަމުގެ ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާތީ، އެކަމަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯ އިން ފެންނަނީ، 2005 ގައި ހައުސިން މިނިސްޓްރީން ހިންގި ސްކީމެއްގެ ފޯމުތަކެއް ކަމަށާއި، މި އަލިފާނުގެ ހާދިސާ ތަހުޤީޤު ކުރުމަށް ފުލުހުންނަށް ވަނީ ހަވާލުކޮށްފައި ކަމަށެވެ.

އަދި މި ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ހުރިހާ ފޯމްތަކެއް ވަނީ ރައްކާކުރެވި، ސްކޭންކޮށް ޑިޖިޓައިޒް ކުރެވިފައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު އެ އިޝާރާތް ކުރެއްވީ މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ ވާހަކަ އެވެ. އެ ސްކީމުން ހުޅުވާލި 704 ފްލެޓަށް، 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ.