ސަންގު ޓީވީ އެއް ލައްކަ ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފި އެވެ.
ބްރޯޑްކޮމްއިން ސަންގު ޓީވީ ޖޫރިމަނާކޮށްފައި ވަނީ އެ ޓީވީ ޗެނަލުން ތިމަރަފުށީ ދާއިރާގެ މެމްބަރު، މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައެއް ބްރޯޑްކާސްޓު ކުރުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ސަންގު ޓީވީ ޖޫރިމަނާ ކުރިކަން އަންގައި، ބްރޯޑްކޮމް އިން ޗެނެލްއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެ ޗެނެލް އިން ދެއްކި ޕްރޮގްރާމެއްގައި މުސްތަފާ ރައީސް ޔާމީންގެ އަބުރަށް އަރާފައިވާތީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ކޮމިޝަނުން ކުރި ތަހުގީގުގައި އަބުރު ގާނޫނާ ސަންގު ޓީވީން ޚިލާފު ވެފައިވާކަން ފާހަގަ ކުރެވޭތީ އެއް ލައްކަ ދިވެހި ރުފިޔާ އިން ޖޫރިމަނާ ކުރިކަން އަންގާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ 30 ދުވަހު ތެރޭގައި ދައްކައި، ޚަލާސް ކުރުމަށް ޓީވީ ޗެނެލްއަށް ބްރޯޑްކޮމް އިން ވަނީ އަންގައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ހުތުރުވާ ފަދަ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ވީމީޑިޔާ ވެސް ވަނީ 400،000ރ. އިން ދާދި ފަހުން ޖޫރިމަނާކޮށްފަ އެވެ. އަދި ރާއްޖެ ޓީވީ އެތައް ފަހަރަކު ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ.