ކުރިން މެންޗެސްޓާ ޔުނައިޓެޑު، ސިޓީ އަދި ޔުވެންޓަސް އަށް ކުޅުނު އާޖެންޓީނާގެ ފޯވާޑް، ކާލޮސް ޓެވޭޒް ޖަލުގައި ކުޅުނު މެޗެއްގައި ބައިވެރިވެ ލިބުނު އަނިޔާއަކާ ގުޅިގެން އެއް މަސް ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
ޗައިނީސް ސުޕަ ލީގަށް ކުޅުމަށް ފަހު އޭނާގެ ކުރީގެ ޓީމު ބޯކާ ޖޫނިއާސްއަށް މިހާރު ކުޅެމުން އަންނަ ޓެވޭޒް ޖަލަށް ދިޔައީ އޭނާގެ ކޮއްކޮއަށް ޒިޔާރަތް ކުރުމަށެވެ. އަދި އެ ޖަލުގައި ކުޅުނު ފުޓުބޯޅަ މެޗެއްގައި ބައިވެރިވުމަށް ދައުވަތު އެރުވުމުން ޓެވޭޒް ވަނީ ދައުވަތު ގަބޫލުކޮށް މެޗުގައި ބައިވެރިވެފައެވެ.
އަދި މެޗު ތެރެއިން އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން މިހާރު އިތުރު އެއް މަސް ދުވަސް ވަންދެން ކުޅުމާއި ދުރަށް ދާން ޖެހުމުން އޭނާގެ ކުލަބު ބޯކާ ޖޫނިއާސްއިން ވަނީ ކުޅުންތެރިޔާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އާންމުކޮށް ޕްރޮފެޝަނަލް ކުލަބުތަކުން ކުޅުންތެރިން، ޓީމުން ބޭރު އެއްވެސް ކުޅިވަރުގެ ހަރަކާތެއްގައި ބައިވެރިވުމަށް ފުރުސަތެއް ނުދެއެވެ.
ޓެވޭޒް ބޯކާ ޖޫނިއާސް އަށް ބަދަލުވެފައިވަނީ ޗައިނީސް ސުޕަ ލީގުގެ ޝަންގްހާއީ ޝެނުއާ އަށް ކުޅުމަށްފަހު ކުލަބާ ދެމެދު މައްސަލަ ޖެހިގެންނެވެ. އޭނާ އެ ކުލަބުގައި ހުރިއިރު ހަފްތާއަކު 650،000 ޕައުންޑުގެ މުސާރައެއް ލިބެމުން ދިޔަ ކަމަށް ޚަބަރު ލިބެއެވެ.