ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ، ފުލުހެއްގެ ފޯނު އެއް މަސް ދުވަހަށް ހިފަހައްޓައިފި އެވެ.
އެނގިފައިވާ ގޮތުގައި ހިފަހައްޓާފައި ވަނީ ފުލުހުންގެ ޗީފް ސްޓޭޝަން އިނިސްޕެކްޓަ އަކްރަމް އަބްދުލް ވައްހާބުގެ ފޯނެވެ.
އަކްރަމަކީ ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުއާއި އާއިލީ ގުޅުން އޮންނަ ފުލުހެކެވެ.
އެނގިފައިވާ ގޮތުގައި އަކްރަމްގެ ފޯނު ހިފެހެއްޓީ ދޫނިދޫގައި ހައްޔަރުގައި ތިބި ބައެއް ގައިދީން ގަވައިދާ ޚިލާފަށް އެތަނުން ދޫކޮށްލަން އުޅޭ ކަމާއި ސިޔާސީ ބޭފުޅުންނަށް ނާޖައިޒް މަންފާ ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި ސިޔާސީ ގޮތުން ވަކި ފިކުރަކަށް ތާއީދުކޮށް ވާހަކަ ދައްކާ ކަމަށް ބުނެ އެވެ.
އަކްރަމުގެ ފޯނު ހިފަހައްޓާފައިވާ އިރު ސްޕްރީމް ކޯޓުން ފެބުރުއަރީ އެކެއްގައި ނެރުނު އަމުރާއި ގުޅިގެން ހިނގާ ދިޔަ ބައެއް ކަންތައްތަކުގައި ވެރިކަން ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެސްއޯ ފުލުހުންތަކެއް ހައްޔަރުކޮށް މިހާރު އެމީހުންވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ކޮމިޝަނަ އަހުމަދު އަރީފު ވެސް ވަނީ ހައްޔަރުކޮށްފައެވެ.