Last Updated: June 27, 11:18
Saturday, June 27, 2026
ޚަބަރު

އެމްޕީއެލް އިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

އެމްޕީއެލް އިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅަނީ - ފޮޓޯ: ޓްވިޓާ (އެމްޕީއެލް)

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ މުވައްޒަފުންނަށް ހަދާ ފްލެޓްތަކުގެ އަމަލީ މަސައްކަތް ރޭ ފަށައިފި އެވެ.

އެ ކުންފުނީގެ ކޯޕަރޭޓް ޑިވިޝަންގެ ހެޑް އަބްދުﷲ ފާއިދު އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި "ހިޔާ" ޕްރޮޖެކްޓްގެ ދަށުން އެ ކުންފުނިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ އެޕާޓްމަންޓްތަކުގެ ތެރެއިން ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ އެޕާޓްމަންޓަށް މަހަކު ދައްކަން ޖެހޭ މިންވަރު 12،000ރ. އަށް ވުރެ ބޮޑު ނުވާނެ އެވެ. އަދި އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހޭ މިންވަރު 6،000ރ. އަށް ވުރެ ބޮޑުނުވާނެ ކަމަށް ވެސް ފާއިދު ވިދާޅުވި އެވެ.

މީގެ އިތުރުން ފާއިދު ވިދާޅުވީ އެ ކުންފުނިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 534 އެޕާޓްމަންޓް ހެދުމަށް ނިންމާފައިވާ ކަމަށާއި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހަދާ އެޕާޓްމަންޓްތަކުގެ މަސައްކަތް އަންނަ ޖުލައި މަހު ނިންމާލެވޭނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ހެދުމަށް ނިންމާފައި ވަނީ 204 އެޕާޓްމަންޓެެވެ.

ފާއިދު ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި،އެ ފްލެޓްތަކަށް ކުރިމަތިލާން ބޭނުންވާ މުވައްޒަފުންނަށް އަންނަ މަހުގެ އެއްވަނަ ދުވަހު އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އެމްޕީއެލް އިން ހަދާ ފްލެޓްތަކަށް އެމްޕީއެލްގެ ހުރިހާ ދާއިމީ މުވައްޒަފުންނަށް ކުރިމަތިލެވޭނެ ކަމަށާއި، ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދަފުތަރު އަންނަ މަހުގެ 15ގައި ކަނޑައެޅޭ ވަރުވާނެ ކަމަށް ވެސް ފާއިދު ވިދާޅުވި އެވެ.

ހަމަ އެއާއެކު ބޭންކު މެދުވެރިކޮށް ފައިނޭންސް ހަމަޖައްސަން މުއްދަތެއް މުވައްޒަފުންނަށް ދޭނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ހަމަނުޖެހޭ ނަމަ އެ ބަޔަކު ކަޓާނެ ކަމަށްވެސް ފާއިދު ވިދާޅުވި އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިނޭންސް ހަމަނުޖެހި ކަޓާ ފަރާތްތަކުގެ ބަދަލުގައި އަނެއްކާ އިތުރު މުވައްޒަފުންނަށް އެ ފުރުސަތު ދޭނެ ކަމަށްވެސް ފާއިދު ވިދާޅުވި އެވެ.

"ހިޔާ" ޕްރޮޖެކްޓްގެ ދަށުން އެމްޕީއެލް އިން 14 ބުރީގެ ތިން ޓަވަރު ހަދަން ނިންމާފައިވާއިރު، އެ ތިން ޓަވަރުގެ މަސައްކަތް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެގޮތުން ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ 330 އެޕާޓްމަންޓާއި އެއްކޮޓަރީގެ 204 އެޕާޓްމަންޓް ހެދުމަށް އެމްޕީއެލް އިން ވަނީ ނިންމާފައެވެ.

އެ ކުންފުނިން ކުރިއަށްގެންދާ އެ މަޝްރޫއަށް 560 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ.