ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް މިއަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެ އެވެ.
މުހައްމާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
1 Februaryge hukum thanfeez Nukoh Riyaasy Inthikhaab baahvaakah RYaameen Ah Laahika Eh noon. Sarukaarah Jeheyny Qaanoonee Imuge Thereah Vahnnan.
— Muhamma (@MohamedAbdulIa) March 29, 2018
"ފެބްރުއަރީ 1 ގެ ޙުކުމް ތަންފީޒް ނުކޮށް ރިޔާސީ އިންތިޚާބް ބާއްވާކަށް ރައީސް ޔާމީނަށް ލާހިކައެއް ނޫން. ސަރުކާރަށް ޖެހޭނީ ޤާނޫނީ އިމުގެ ތެރެއަށް ވަންނަން"، މުހައްމާ ކުރެއްވި ޓްވީޓްގައި ވެއެވެ.
ސަރުކާރުން ވަނީ އިދިކޮޅު އެންމެން ޖަލަށްލާފަކަން ފާހަގަކުރައްވާ، މުހައްމާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުއްޓުވާ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ޙާލަތެއްގައި ރާއްޖެ އޮތްއިރު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ބައްވާ އިންތިޚާބެއް މިނިވަން ނުވާނެ ކަމަށް މުހައްމާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އިދިކޮޅު ފަރާތްތަކުން ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅައިގެން ނެރުނު އަމުރެއް ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ސަރުކާރުން ބުނީ އެ އަމުރު ތަންފީޒު ނުކުރީ، އޭގެ ސަބަބުން ދައުލަތުގެ ހިންގުން ހުއްޓި، ޤާނޫނު އަސާސީގެ ބާރު ކެނޑިދާނެތީ ކަމަށެވެ. އެކަމަކު ރާއްޖޭގެ ޤާނޫނޫ އަސާސީ ބުނާގޮތުން ޝަރުއީ ދާއިރާގެ އެންމެ ފަހުބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓެވެ.