ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.
ނާޒިމް މިއަދު ހެނދުނު މާލެ ގެނެސް އައިޖީއެމްްއެޗްގެ ޑޮކްޓަރަކަށް ދެއްކިނަމަވެސް ދައްކާފައިވަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ދެއްކީ ކޮންކަހަލަ ޑޮކްޓަރަކަށް ކަމެއްވެސް ސާފެއް ނުވެއެވެ.
ނާޒިމް ޖަލަށް ލުމަށް ހުކުމް ކުރި ފަހުން މާލެ ގެނެސް މީގެ ކުރިންވެސް އެތައް ފަހަރަކު ފަރުވާ ދީފައިވާއިރު މީގެ ކުރިން އޭނާ ވަނީ ސިންގަޕޫރުން ވެސް ފަރުވާ ހޯއްދަވާފަ އެވެ.
ކާނަލް ނާޒިމް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ގޭބަންދަށް ބަދަލުކުރުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ވަނީ އަނެއްކާވެސް އަނބުރާ ޖަލަށް ގެންގޮސްފައެވެ. ނާޒިމް ކުއްލިގޮތަކަށް ޖަލަށް ބަދަލުކުރީ ނާޒިމްވެސް ހިމެނޭ ގޮތަށް ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށްފަހު އެވެ.
ނާޒިމް އެދުވަހު ކުއްލިގޮތަކަށް ޖަލަށް ބަދަލުކުރުމުން އޭނާގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ނާޒިމް މިނިވަންކުރަން އަމުރުކޮށްފައި ވަނިކޮށް އޭނާ އަނބުރާ ޖަލަށް ގެންދިޔައީ ރަހީނުކޮށްގެން ކަމަށެވެ.
ކާނަލް ނާޒިމްގެ މައްޗަށް ދައުލަތުން އުފުލީ ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ އެވެ.
ދައުވާ ސާބިތުވުމާ ގުޅިގެން ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން 2015 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.