ރާއްޖެ އައިސް އުޅުނު ޓޫރިސްޓެއްގެ ގައިގައި ޖެޓްސްކީ އަކުން ޖެހި އަނިޔާވެފައިވާތީ ބަދަލުގެ ގޮތުގައި 140،000 އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ދިވެއްސެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
2014 ވަނަ އަހަރު ޖުމެއިރާ ވިއްޓަވެލި ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ލިންޑާ ލީގެ ގައިގައި ޖެޓް ސްކީ އަކުން ޖެހި އަނިޔާވި މައްސަލައިގައި ބަދަލު ދޭން ޙުކުމްކޮށްފައިވަނީ ޖެޓްސްކީ ދުއްވި މީހާއަށް އިރުޝާދު ދޭން އިން ދިވެއްސެއްގެ މައްޗަށެވެ.
ބަދަލުގެ ގޮތުގައި 140000 ރުފިޔާ ދޭން ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އެ ހާދިސާ ހިނގީ ފަހަތުގައި އިން ދިވެހި މީހާގެ އިހުމާލުން ކަމަށް ނިންމުމަށްފަހުއެވެ.
އެމައްސަލައިގައި އަނިޔާވި ފަތުރުވެރިޔާ ދައުވާކޮށްފައިވަނީ ދިޔައިގެ ގޮތުގައި 25 ޖަމަލު ނަގައި ދިނުމަށެވެ. ނަމަވެސް، ޖަމަލު ދޭން އަމުރު ނުކުރެވޭނެ ކަމަށް ނިންމާ ކޯޓުން ބުނީ، ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުރަން ޖެހުނު ޚަރަދުތަކާއި ލިބުނު ގެއްލުމަށް 12،500 ސިންގަޕޫރު ޑޮލަރާއި 1681 ރުފިޔާ ދިވެހި މީހާގެ ފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ.
އެފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ޙުކުމްގައި ބުނެފައިވެއެވެ.