ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި އިދިކޮޅު މެމްބަރުންނާއި ލީޑަރުން ތިއްބެވީ ވަރުގަދަ ރޫޙެއްގައި ކަމަށާއި އެބޭފުޅުންގެ ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް ދާދި ފަހުން ޖަލު ބަންދުން ސަލާމަތްވެވަޑައިގެންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެއެވެ.
މިރޭ މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވެފައިވަނީ ހައްޔަރުކޮށްފައި ތިބި ފަރާތްތަކުން ވަނީ ފަހަތަށް ޖެހިވަޑައި ނުގަތުމަށް ހުރިހާ ބޭފުޅުންނަށްވެސް އިލްތިމާސް ކޮށްދެއްވުމަށް އެދިލެއްވި ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް އަންނަން މާ ގިނަ ދުވަހެއް ނެތް ކަމަށާއި ޖަލުގައި ތިއްބެވި ގިނަ އޮފިސަރުންވެސް ތިއްބެވީ މިސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވަނީ މިރޭގެ ޖަލްސާގައި އޭނާ މިނިވަން ކުރުމަށް ވަކީލުންގެ ޓީމުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ.