ކުރު މުއްދަތަކަށް ނަމަވެސް ޖަލަށް ވަދެވުމުން ހީވީ އިދިކޮޅު ފަރާތްތަކުގެ މައި ހަރުގެ، ކުނޫޒަށް އާދެވުނީހެން ކަމަށާއި ކިތަންމެ ގިނަ ދުވަހެއް ވަންދެން ޖަލުގައި ބޭއްވިޔަސް ސާބިތުކަމާއެކީ އިދިކޮޅު ހުރިހާ ފަރާތްތަކުންވެސް ދެމި ތިބޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވެފައިވަނީ އޭނާއާއެކު ޖަލުގައި ތިއްބެވި އެމްޑީޕީގެ 16 މެމްބަރުންނަކީ ފަހުލަވާނުން ކަމަށާއި އެބޭފުޅުންގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އަދި ނޮވެމްބަރު 11 ވަންދެން ޖަލުގައި ބަންދުކުރިޔަސް ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ އިތުރަށް ވިދާޅުވެފައިވަނީ އިދިކޮޅު މެމްބަރުންނަށް މިއަދާ ހަމައަށްވެސް ރައީސް ޔާމީންގެ ފަރާތުން ތަފާތު ހުށައެޅުންތައް ލިބެމުން އަންނަ ކަމަށާއި، ޖަލުގައި ބަންދުކޮށްފައިވާ އިދިކޮޅު 7 މެމްބަރުންނަށް މިރޭވެސް ޖަލުން ސަލާމަތްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ގައުމުގެ ހައްގުގައި އެބޭފުޅުން ތިއްބެވީ ސާބިތުކަންމަތީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.