ބަންދުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ޚަބަރު އެ ކޮމިޝަނުން ރޭ ދޮގުކޮށްފި އެވެ.
ބްރޯޑްކޮމް އިން އެ ޚަބަރު ދޮގުކޮށްފައި ވަނީ ރޭ އެކޮމިޝަނުން ކުރި ފޭސްބުކް ޕޯސްޓެއްގައެވެ.
ބްރޯޑްކޮމް އިން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ބުނެ މީޑިއާގައި ފަތުރަމުންދަނީ "ފޭކް ނިއުސް" އެއް ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެފަދަ ދޮގު ޚަބަރުތައް ފަތުރަނީ ބްރޯޑްކޮމްގެ އަގު ވައްޓާލައި، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދަން ކަމަށް ބެލެވޭ ކަމަށްވެސް ބްރޯޑްކޮމް އިން ބުނެއެވެ.
މީގެ އިތުރުން ބްރޯޑްކޮމް އިން ވަނީ މީޑިއާގައި ދޮގު ޚަބަރު ނުފެތުރުމަށާއި، ޚަަބަރު ފަތުރައްވަވާއިރު ކަމާބެހޭ ހުރިހާ ފަރާތެއްގެ ވެސް ބަސް ހިމަނުއްވައިގެން، ޒިންމާދާރު ކަމާއެކު ޚަބަރު ހެއްދެވުމަށް ނަސޭހަތްތެރިވެފަ އެވެ.
ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މަޤާމުން ދުރުކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުނަސް ތަންފީޒު ނުކުރާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ސަލާމަތީ ބާރުތަކުން ބުނުމުން އެކަމަށް ރައްދު ދެއްވައި ސްރީ ލަންކާގައި ހުންނަވައި ނަޝީދު ފެބްރުއަރީ 4 ވަނަ ދުވަހު ފޯނުން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގެ މައްސަލަ ބްރޯޑްކޮމަށް ހުށަހަޅުއްވާފައި އެ ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރެވެ.
އެ އިންޓަވިއުއުގައި ނަޝީދު ވަނީ ރައީސް ޔާމީނާއި ބަންޑާރަ ނައިބާއި ޝިޔާމާއި ނަވާޒު އެ ހުންނެވީ ނަހަލާލު ބަޣާވާތެއް ކުރައްވައިގެން ކަމަށާއި އެ ބަޣާވާތް ހުއްޓުވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަމުން ދާން ޖެހޭނީ ގާނޫނު އަސާސީއަށް ކަމަށާއި ގާނޫނު އަސާސީ ދަމަހައްޓަކައި ނަގަހައްޓާނެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ސިފައިން ވެސް ފުލުހުން ވެސް އަދި ހުރިހާ ބޭފުޅުން ވެސް ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަން ވާން ޖެހޭނެ އެވެ.
ރައީސް ޔާމީނާއި އަނިލްއާއި ޖެނެރަލް ޝިޔާމް އަދި ނަވާޒުގެ ބަޣާވާތުގެ ވާހަކަތައް ހުއްޓުވަން ރައްޔިތުން ނުކުންނެވުމަށް ވެސް ނަޝީދު ގޮވާލެއްވި އެވެ.