ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެންމެ ހައްގުކަން ބޮޑީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ހުރިހާ ޕާޓީއެއްގެ މެމްބަރުންގެ އިހުތިރާމު ލިބިފައިވާ އިބޫއާ ގުޅޭގޮތުން "މިހާރު" އަށް ނިހާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދަށްވެސް ރިޔާސީ ޓިކެޓު ދިނުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާ ކަމަށެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހައްގީ އިބޫ އަށް ކަމަށާއި ސަބަބަކީ ފެށުނީއްސުރެ އެމްޑީޕީގައި ހުންނެވި ބޭފުޅަކަށް އިބޫ ވެފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ނިހާން ވިދާޅުވެފައިވަނީ އިދިކޮޅުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވޭ ވަރުގެ އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ. އަދި ކޮންމެ ބޭފުޅަކުވެސް އިންތިޚާބަށް ކުރިމަތިލިޔަސް ކުރިއަށް އޮތް ދައުރު ކާމިޔާބުކުރާނީ ރައީސް ޔާމީން ކަމަށް ވަރަށް ޔަގީން ކަމާއެކު ނިހާން ވިދާޅުވެފައިވެއެވެ.