އައްޑޫ ކޮންވެންޝަން ސެންޓަރު (އީސީސީ) ހުންނަ ސަރަހައްދުން 3،000 އަކަފޫޓުގެ ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.
އީސީސީ ސަރަހައްދުން ދޫކޮށްފައި ހުރި ގިނަ އަދަދެއްގެ ގޯތިތައް ސަރުކާރަށް ނަގާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ ގޯތީގެ ވެރިފަރާތްތަކަށް ބަދަލު ދޭ ގޮތަށެވެ.
އެކަމަކު އެކަން ނުވެފައި އޮއްވައި ސަރުކާރަށް ނެގި ގޯތީގެ ބަދަލުގައި ގޯތި ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާން ކުރީ މިދިޔަ ފެބްރުއަރީ މަހު މެޑަން ފާތުން އައްޑު އަށް ކުރެއްވި ކެމްޕޭން ދަތުރެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މިނިސްޓަރު މުއިޒް މިރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ކުރައްވަން ޖެހިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ހޭވި ހަޑި" ސާފުކޮށް ތާކުންތާކުނުޖެހޭ ގޮތަށް ކުރައްވާފައި ހުންނެވި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކަމަށެވެ.
އެގޮތުން އައްޑޫން ދޫކުރި ގޯތިތަކަކީ ވެސް އެފަދަ އެއް މަސައްކަތް ކަމަށާއި އެ ގޯތިތައް އަލުން ރައްޔިތުންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވިދާޅުވި އެވެ.
މުއިޒް ރޭ ވަނީ އީސީސީ ހިމެނޭ މާމެންދޫ ސަރަހައްދުން ކުރިް ގޯތި ލިބުނު މީހުން ވީހާ ވެސް އަވަހަކަށް އެ މީހުންނަށް ގޯތި ލިބުނުކަން ހެއްކާ އެކު މިނިސްޓްރީއަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.
"ނަޝީދު ވެރިކަމުގައި ގޯތި ދޫކުރި 700 އެއްހާ މީހުންގެ ލިޔެކިޔުންތައް މިހާރު ފެންނާކަށް ނެތް، ނަޝީދު ވެރިކަމުން އިސްތުއުފާދެއްވި ދުވަހު ކޯޓުގައި އަލިފާން ރޯކޮށް އަންދާލި ދުވަހު އެ ހުރިހާ ލިޔެކިޔުންތަކެއް ވަނީ ނެތިގެން ގޮސްފައި. އެހެންކަމުން ރައްޔިތުންގެ އަތުގައި ހުރި ލިޔެކިޔުމެއް ހުރީ،" މުއިއްޒު ވިދާޅުވި އެވެ. "ހައުސިން އިން ވަނީ އެ ފަރާތްތަކަށް އަންގާފަ އޭރު ގޯތި ލިބުނު ކަމުގެ ލިޔުމެއް އޮތް ނަމަ އެކަން މިނިސްޓްރީއަށް އަންގަން ހެއްކާ އެކު."
މުއިޒް ވިދާޅުވީ އީސީސީ ވަށައިގެން 3،000 އަކަފޫޓަށް ގޯތި ދޫކުރަން މިހާރު ބިން ވެސް ޕްލޭންކޮށްފައިވާ ކަމަށެވެ. އީސީސީ މިހާރު އަންނަނީ ހޮސްޕިޓަލަކަށް ބަދަލު ކުރަމުންނެވެ.
"އެހެންވީމަ މިދެނީ އައްޑޫ ރައްޔިތުންނަށް ޔަގީންކަން، ތިބޭފުޅުންގެ އަތުގަ އެއްވެސް ލިޔެކިޔުމެއް ހުރެއްޖެ ނަމަ ގޯތި އަނބުރާ ލިބޭނެ ކަމުގެ،" މިނިސްޓަރު ވިދާޅުވި އެވެ. "ލިޔުން ނެތް ބޭފުޅުންވެ ސް ކޯޓަށް ވަޑައިގަންނަންވީ އެކަން ސާބިތު ކުރަން. ސާބިތުވެއްޖެ ނަމަ ގޯތި ލިބޭނެ."