Last Updated: June 27, 19:34
Friday, June 27, 2025
ޚަބަރު

މައުމޫން ގޭބަންދަށް ދޫކޮށްލަން ސުއޫދު ގޮވާލައިފި

ހުސްނުއް ސުއޫދު، ފޮޓޯ:ވީނިއުސް

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އުމުރުފުޅުން 82 އަހަރުގައި ޖަލަށް ލައި، ޖަލުގައި ބަންދުކުރުމަކީ ލާއިންސާނީ އަމަލެއް ކަަމަށާއި އެމަނިކުފާނު ގޭބަންދަށް ނަމަވެސް ދޫކޮށްލެއްވުމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ސަރުކާރަށް ގޮވާލައިފިއެވެ.

ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންސާނުންނަށް އޯގާތެރިވާން ޖެހޭނެ ކަމަށާއި، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތައި، އުމުރުފުޅުން ދުވަސްވެފައިވާ މައުމޫން ޖަލު ބަންދުން ދޫކުރެއްވުމަށް ގޮވާލާ ކަމަށެވެ.

މައުމޫން ހައްޔަރުކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލާފައެވެ. އަދި އެތައް ބަޔަކު ވަނީ މައުމޫނަކީ ދިވެހި ގައުމަށް އެތައް ދުވަހު ޚިދުމަތް ކޮށްދެއްވި ކުރީގެ ރައީސެއް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކުށެއް ސާބިތުނުވެ، ހެއްކެއް ނެތި ޖަލުގައި ބަންދުކުރުމަކީ ކުށެއް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފައެވެ.

މިދޔަ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މައުމޫން ހައްޔަރުކޮށްފައިވާއިރު އެމނަިކުފާނުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. ގާނޫނީ ވެރިކަން ވައްޓާލުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވާއިރު މައުމޫން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.