މިޔަންމާރުގައި ހައްޔަރުކުރި ރޮއެޓާސްގެ ދެ ނޫސްވެރިންގެ ދިފާއީ ޓީމުގައި މަޝްހޫރު އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ ގާނޫނީ ވަކީލް، އަމާލް ކްލޫނީ ބައިވެރިވެއްޖެއެވެ.
ދިވެހި ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުންގެ ޓީމުގައިވެސް މަސައްކަތް ކުރެއްވި އަމާލް ބުނެފައިވަނީ މިޔަންމާރުގައި ހައްޔަރުކުރި ދެ ނޫސްވެރިންނަކީ ކުށެއް ކުރި ބަޔެއް ނޫންކަން ސާފު ކަމަށާއި، އެމީހުން ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ.
ވާ ލޯން އަދި ކްޔޯ ސޯ އޫ ހައްޔަރުކުރީ މިޔަންމާރު ސިއްރު ތަކާ ބެހޭ ގާނޫނާއި ޚިލާފަށް ޚަބަރު ފެތުރިކަމުގެ ތުހުމަތުގައެވެ. އަދި ދެ ނޫސްވެރިންނަށް 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޚަބަރު ލިބެއެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް މިޔަންމާ ސިފައިން ކުރި އަނިޔާތަކުގެ ސަބަބުން އެތައް ބަޔަކު ގައުމު ދޫކޮށް ބަންގާޅަށް އެތެރެވުން ކަވަރު ކުރަމުންދިޔަ ރޮއެޓާސްގެ ދެ ނޫސްވެރިން ވަނީ މިޔަންމާރު ސިފައިންގެ އަނިޔާވެރިކަމުގެ އަމަލުތައް ރިޕޯޓުކޮށްފައެވެ.
އަމާލް ކްލޫނީ ދެ ނޫސްވެރިންގެ ދިފާއީ ޓީމުގައި ބައިވެރިވުމަކީ އެ ދެނޫސްވެރިން މިނިވަން ކުރުމަށް ކުރަމުން ދިޔަ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ރޮއެޓާސްގެ މަސްއޫލުވެރިޔާ ވަނީ ބުނެފައެވެ.
އަމާލް ވަނީ މީގެ ކުރިން އަލް ޖަޒީރާގެ ދެ ނޫސްވެރިޔަކު މިސްރުގައި ހައްޔަރުކުރުމުން، އެ ދެ ނޫސްވެރިންގެ ދިފާއުގައިވެސް މަސައްކަތް ކޮށްފައެވެ. އަދި އޭނާގެ މަސައްކަތުން ދެ ނޫސްވެރިން ވަނީ މިނިވަންވެސް ވެފައެވެ.