ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ ދަށުން، ތިންވަނަ ފިޔަވަހީގެ ދަށުން 27 ބިމެއް ވިއްކުމަށް ހުޅުވާލައިފިއެވެ.
ބިންތައް ގަތުމަށް ޝައުގުވެރިވާ އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް އެފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ވިއްކުމަށް ހަމަޖެހިފައި ވަނީ މާފަންނުގެ 15 ބިމާއި މައްޗަންގޯޅި ގެ ދެ ބިމާއި ގަލޮޅުގެ ފަސް ބިމާއި ހެންވޭރުގެ ފަސް ބިމެއް ކަމަށެވެ. އެ ބިންތަކާއި ބިންތަކުގެ ބޮޑުމިން އެނގޭނެ ލިސްޓް އާންމުކޮށްފައިވާއިރު، އަކަފޫޓެއް ވިއްކުމަށް ނިންމާފައިވަނީ 2000 ރުފިޔާއަށެވެ.
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ހައުސިން މިނިސްޓްރީން ވަނީ ފުރަތަމަ ފިޔަވަހީގެ ދަށުން 37 ބިން އަދި ދެވަނަ ފިޔަވަހީގެ ދަށުން 66 ބިން ވިއްކަން އިއުލާނުކޮށްފައެވެ.
ތިން ވަނަ ފިޔަވަހީގެ ދަށުން އިއުލާނުކުރި ބިންތައް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް މަހުގެ 19 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައެވެ.