ފުލުހުންގެ 80 ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީގެ ހުރިހާ ޕޮލިސް ސްޓޭޝަންތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލުމުގެ ގޮތުން އިއްޔެ ހަވީރު ހިތަދޫ ކުޑަކުދިންގެ ޕާކުގައި ޚާއްސަ ކުޑަ ކުދިންގެ ހަވީރެއް ބާއްވައިފި އެވެ.
ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހަވީރަކީ ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު އެކުދިންނަށް ހުޅުވާލައި، އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު އެންމެންނަށް ލިބި ދިނުމުގެ ގޮތުން ބޭއްވި ހަވީރެކެވެ. މި ހަވީރުގައި ފުލުހުންގެ ފަރާތުން ޘަޤާފީ ކުޅިވަރުތައް ހުށަހަޅައި ދީފައި ވެ އެވެ.
ފުލުހުންގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ރާވާފައި ވަނީ ވީހާ ވެސް ބޮޑަށް ރައްޔިތުންނާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކެއްގެ ގޮތަށެވެ.
އެގޮތުން އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނާއި، ރަށުތެރެއިން ހޮވާލެވުނު ޒުވާންގެ ޓީމަކާއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކާއި ވޮލީ މެޗެއް ކުޅެފައި ވެ އެވެ.
މި ކުޅިވަރުތައް ކުޅުމުގައި ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައި ވެ އެވެ. އެއާ އެކު ފާއިތުވެ ދިޔަ އަހަރު އައްޑޫ ސިޓީ ޕޮލިސް އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދީފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދިނުމަށް އޭޕްރީލް 6 ވަނަ ދުވަހު ބޭއްވި ޑިނަ ނައިޓްގައި އައްޑޫ ސިޓީ ޕޮލިސް ގައި މަސައްކަތްކު ރާ ފުލުހުންނާއި، ފުލުހުންގެ ޢާއިލާތަކާއި، ސަރުކާރުގެ ގިނަ މުއައްސަސާތަކުން ބައި ވެރިވެފައި ވެ އެވެ.
ފުލުހުންގެ 80 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ހަރަކާތްތައް މިހާ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައި ވަނީ އައްޑޫ ސިޓީގައި މައްސަކަތް ކުރާ ހުރިހާ ފުލުހުންނާއި، އައްޑޫގެ ރައްޔިތުންގެ ވަރަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކު އެވެ.
އަދި ކުރިއަށް އޮތް ތާނގައި ވެސް މިފަދަ ގާތް ގުޅުމެއް އައްޑޫގެ އެންމެހައި ފަރާތްތަކާ އެކު ބޭއްވުމަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނުން އުއްމީދު ކުރެ އެވެ.