ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްޣަފޫރުގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދެ މަސް ދުވަސް ފަހުން، މިއަދު ފުލުހުން ދީފިއެވެ.
ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގައި މިނިވަން ކުރުމަށް އަމުރުކުރި ލީޑަރުންގެ ތެރޭގައި އަދީބު ހިމެނޭއިރު އޭގެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އަދީބަށް ވަނީ އާއިލާއާ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތުވެސް ހަނިކޮށްފައެވެ.
އަދި މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށް، އޭގެ ފަހުން އަނެއްކާވެސް މާފުށީ ޖަލަށް ބަދަލުކުރުމަށް ފަހު އަދީބުގެ އާއިލާއަށް ވަނީ މިއަދު އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ދީފައެވެ.
އަދީބުގެ އާއިލާއިން ވަނީ އަދީބާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްސަކޮށް ސިއްޚީ ފަރުވާއިން އަދީބް މަހުރޫމް ވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެތެރެ ހަށީގެ ސިސްޓެއް އުފެދުމުގެ އިތުރުން ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޯމާ ވެސް އަދީބަށް ޖެހި، ބޭސް ފަރުވާގެ ހައްގު ނިގުޅައިގަނެވިފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ސަރުކާރުން އަދީބަށް ރާއްޖެއިން ބޭރަށް ފުރުމަށް ފުރުސަތު ދީފައިނުވާއިރު ސަރުކާރުން ބުނަނީ އަދީބު ފިލާފާނެ ކަމުގެ ބިރު ސަރުކާރަށް އެބަ އޮތް ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ އަދީބު ދައުލަތުން ނެގި ފައިސާތައް އަނބުރާ ދެއްކުމުން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ނަމަވެސް ރައީސް އަށް ރައްދު ދެއްވަމުން އަދީބު ބުނެފައިވަނީ "އެ ފައިސާ" ވީ ތަން ރަނގަޅަށް އެނިވަޑައިގަންނަވާނީ ޚުދު ރައީސް ޔާމީނަށް ކަމަށެވެ.