އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސްވެންސީ ބައްދަލުކުރި މެޗު 0-2 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.
މިމެޗު ޔުނައިޓެޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައި ލުކާކޫ އަދި ސަންޗޭޒް ކާމިޔާބުކުރި ދެ ލަނޑުންނެވެ. ފުރަތަމަ ހާފުގައި މޮރީނިއޯގެ ޓީމުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ފަހު ހާފުގައި ޔުނައިޓެޑުގެ ފަރާތުން ފާހަގަކޮށްލެވޭ ވަރުގެ ކުޅުމެއް ފެނިފައެއް ނުވެއެވެ.
ސްވެންސީ ޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ޔުނައިޓެޑު ގޯލަށް ނުރައްކާ ވާފަދަ އެއްވެސް ހަމަލާއެއް އުފެއްދިފައިނުވި ނަމަވެސް ފަހު ހާފުގައި ޓެމީ އަބްރަހަމް ވަނީ ކައިރި ކައިރީގައި ރަނގަޅު ދެ ހަމަލާ އުފައްދާފައެވެ. ނަމަވެސް ޔުނައިޓެޑު ކީޕަރު ޑެހެއާ ވަނީ ހުށިޔާރު ކަމާއެކު ދެ ހަމަލާވެސް މަތަކޮށްފައެވެ.
މިރޭ ލުކާކޫ ޔުނައިޓެޑަށް ޖަހާދިން ލަނޑަކީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. އަދި މިސީޒަނުގައި ޔުނައިޓެޑަށް އޭނާ ޖަހާދިން 26 ވަނަ ލަނޑެވެ. ލުކާކޫ ވަނީ ލީގުގައިވެސް 15 ލަނޑު މިސީޒަނުގައި ޖަހާފައެވެ.