Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޔާމީން ހޮވަން ދިވެހިންނަށް ވާޖިބު: އަދުރޭ

photo: mihaaru news

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ހޮވުން ދިވެހިންނަށް ވާޖިބުކަމަށް އަނެއްކާވެސް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޅ. އަތޮޅު ނައިފަރުގައި އެޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވެފައިވަނީ ގައުމު ދެކެ ލޯބިވާ ރައްޔިތުންގެ ވާޖިބަކަށް ވާން ޖެހޭނީ އަނެއްކާވެސް ރައީސް ކަމަށް ޔާމީން އިންތިޚާބު ކުރުން ކަމަށެވެ.

ވާޖިބުވާ ސަބަބުތަކުގެ ތެރޭގައި މި ރާއްޖޭގައި އިސްލާމް ދީން ފޮހެވިޔަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ ނަމަ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ޖެހެއެވެ. މާނައަކީ އެހެން މީހަކު ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖެއިން އިސްލާމްދީން ފޮހެވިދާނެ ކަމަށް އަދުރޭއަށް ގަބޫލު ކުރެވުމެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަދުރޭ ހާމައެއް ނުކުރެއެވެ.

ދެވަނަ ސަބަބަކަށް އަދުރޭ ފާހަގަކޮށްފައިވަނީ ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ދަމަހައްޓަން ކޮންމެހެންވެސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ. އަދި ތިންވަނަ ސަބަބަކީ ރައީސް ޔާމީން ވަރުގެ އަމިއްލަ އެދުން ކުޑަ ލީޑަރަކު ނެތުން ކަމަށެވެ.

ނަމަވެސް މިއަދު ސިޔާސީ މައިދާނުން ފެންނަން އޮތް މަންޒަރަކީ، ރައީސް އަބްދުﷲ ޔާމީނާއި އިންތިޚާބުގައި ވާދަކުރައްވަފާނެ ކަމަށް ލަފާކުރެވޭ ހުރިހާ ސިޔާސީ ބޭފުޅުން ޖަލަށް ލާފައި ވާތަނެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެ އިތުރުން ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އަދި އެމްޕީ މަހްލޫފާއި ރިޔާޒް ވެސް ވަނީ ސިޔާސީ ހަރަކާތްތަކުގެ އިސް ސަފުން ފެންނަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ ޖަލުގައި ބަންދު ކުރެވިފައެވެ.

މީގެ އިތުރުން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭބޭފުޅު، ކުރީގެ ރައީސް މައުމޫނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ޖަލަށް ލެވިފައެވެ.

ރިޔާސީ އިންތިޚާބަށް ވާދަކުރައްވަން ރައީސް ޔާމީން ނިންމަވާފައިވި ނަމަވެސް އިދިކޮޅުން ނެރޭ ކެންޑިޑޭޓު އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް އިދިކޮޅުން އަންނަނީ ކެންޑިޑޭޓު ކަނޑައެޅުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.