Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބުރިޖުގެ މައި ދެ ތަނބު ރޭ ގުޅާލައިފި

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މައި ދެ ތަނބެއް ރޭ ގުޅާލައިފިއެވެ. ހައުސިން މިނިސްޓަރ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބްރިޖުގެ މަސައްކަތް ދަނީ ޝެޑިއުލްއާ އެއް ގޮތަށް ކުރިއަށް ކަމަށެވެ.

ބްރިޖުގެ މައި ތަނބުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ސުޕަ ސްޓްރަކްޗާ އިން ގުޅުވައިލެވޭ ދެ ތަނބު، ޕިއާ 22 އަދި ޕިއާ 23 ރޭ ގުޅާފައިވާއިރު މިއީ ބްރިޖުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކުރިއެރުމެކެވެ.

ކުރިއަށް އޮތް ޖުލައި މަހު ރަސްމީކޮށް ބްރިޖް ހުޅުވުމަށް ތާވަލުކުރެވިފައިވާއިރު މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ ފަސްކުރުމެއް ނެތި އެ މުއްދަތަށް ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ޗައިނާގައި ހަދައިގެން ގެނައި ސުޕަ ސްޓަރަކްޗާ މަސައްކަތް ނިމުމުން ބްރިޖުގެ މައި މަސައްކަތްތައް ނިމިގެންދާނެއެވެ. މި މަސައްކަތް ފަށާފައިވަނީ މެއިން ބްރިޖުގެ 35 ތަނބާއި އެޕްރޯޗް ބްރިޖުގެ 88 ތަނބަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މުޅިން ނިންމުމަށް ފަހުގައެވެ.

ކުރިން، މިއަހަރުގެ ސެޕްޓެމްބަރު މަހަށް ބްރިޖު މުޅިން ނިންމައި، ރަސްމީކޮށް ފެށުމަށް ހަމަޖެއްސި ނަމަވެސް މަސައްކަތް ކުރިއަށްދާ ގޮތުން ޖުލައި 26 އަށް ބްރިޖު ހުޅުވޭނެ ކަމަށް މަސައްކަތް ކުރާ ކުންފުނިން ވަނީ ބުނެފައެވެ.