ޖަރުމަނު ބުންޑެސްލީގާ ގައި ރޭ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބެޔާން މިއުނިކާއި ބޮރޫޝިޔާ ޑޯޓްމަންޑް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-6 އިން ބެޔާން ކާމިޔާބުކޮށްފިއެވެ.
ފުރަތަމަ ހާފުގައި ފަސް ލަނޑު ފެނިގެން ދިޔަ މިމެޗުގައި ޑޯޓްމަންޑުގެ ކުރީގެ ފޯވާޑް، ރޮބާޓް ލެވަންޑޯސްކީ ވަނީ ހެޓްރިކް ހަދާފައެވެ.
މެޗުގެ ފަސް ވަނަ މިނެޓުގައި ލެވަންޑޯސްކީ އޭނާގެ ފުރަތަމަ ގޯލު ޖަހާފައިވާއިރު ހަމޭސް ރޮޑްރިގޭޒް، ބެޔާނަށް ލީޑު ފުޅާކޮށްދިނީ އޭގެ 10 މިނެޓު ފަހުންނެވެ. މެޗުގެ ފުރިހަމަ ކޮންޓްރޯލް ބެޔާންއިން ނެގީ 23 ވަނަ މިނެޓުގައި ތޯމަސް މުލާ ކާމިޔާބުކުރި ލަނޑަކުންނެވެ.
އަދި ލެވަންޑޯސްކީ އާއި ފްރެންކް ރިބަރީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ކައިރި ކައިރީގައި ޖެހި ދެ ލަނޑުން ޑޯޓްމަންޑަށް ވަނީ ސަލާމަތްވާނެ އެއްވެސް ގޮތެއް ނުވެ، ފުރަތަމަ ހާފުގައި ބެޔާން އަތް ދަށުވެފައެވެ.
ފަހު ހާފުގައި ބެޔާންގެ ފަރާތުން އެންމެ ލަނޑެއް ފެނިގެން ގޮސްފައިވާއިރު އެ ލަނޑު ޖެހީ ހެޓްރިކް ހަމަކުރަން ލެވަންޑޯސްކީއެވެ.
މިމޮޅާއެކު ބެޔާން ބުންޑެސްލީގާ ތާވަލުގެ އެއްވަނައިގައި އޮތީ 69 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ޝާލްކޭ، 52 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނައިގައި ޑޯޓްމަންޓް 48 ޕޮއިންޓާއެކު އޮތްއިރު ހަތަރު ވަނައިގައި ރެޑްބުލް ލެޕިޒްގް އޮތީ ދެ ޕޮއިންޓު މަދުން ލިބިގެންނެވެ.