ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ގާނޫނީ ވަކީލުންނާއި ބައްދަލު ކުރުމަށް ދޭ ވަގުތު އެއް ގަޑި އިރަށް އިތުރުކޮށްފިއެވެ.
އެ ގޮތަށް ގަޑިތަކަށް ބަދަލު ގެނެސްފައި މިވަނީ ނިމިގެންދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.
މިއީ ފެބްރުއަރީ މަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އެ ވަގުތު 30 މިނެޓަށް ކުރުކޮށްލުމަށްފަހު އަނެއްކާވެސް އެއް ގަޑި އިރަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.
ހެޑް އޮފް ޕޮލިސް ކަސްޓޯޑިއަލް ޑިޮޕާޓުމެންޓު ސްޕްރިންޓެންޑެންޓު އަހުމަދު ނާފިޒު ސޮއި ކުރައްވާ މާޗު މަހުގެ 29 ވަނަ ދުވަހު ނެރެފައިވާ އެންގުމުގައިވާ ގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 18:00 އަށް ބައްދަލުވުންތައް ހަމަޖައްސާދޭނެއެވެ. ބައްދަލުވުމުގެ އަސާސީ މިންގަނޑަކީ އެއް ގަޑި އިރު ކަމުގައި ކަނޑައަޅާފައިވާ އިރު އެއް މައްސަލައަށް ވުރެ ގިނަ މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހަކަށް ވެފައި ހުރިހާ މައްސަލަތަކުގައި ވަކާލާތު ކުރަނީ އެންމެ ވަކީލެއް ކަމަށްވާ ނަމަ އެ މީހަކަށް އެއްގަޑި އިރުގެ އިތުރުން އިތުރުވާ ކޮންމެ މައްސަލައަކަށް 30 މިނެޓުގެ ވަގުތު ދެވިދާނެއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ވަކީލު ބައްދަލުވުންތަކުގެ ވަގުތު ކުޑަ ކުރުމުން ޤާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުއްލި ޙާލަތު ނިމުނުފަހުން ވެސް ވަކީލު ބައްދަލުވުމުގެ ވަގުތު އިތުރުކޮސް ނުދީގެން ވަކީލުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.