Last Updated: June 27, 11:18
Saturday, June 27, 2026
ޚަބަރު

ވޯޓް ކަރުދާހުގައި ޔާމީންގެ ނަމެއް ނޯންނާނެ: އަމީން

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން - ފޮޓޯ: ވީނިއުސް

ރައްޔިތުން އެކަންކަމަށް ނޫނެކޭ ބުނެފައިވާ ހުރިހާކަމެއް ރައީސް އަބްދުﷲ ޔާމީން ކޮށްފައިވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީންގެ ނަން 2018ވަނަ އަަހަރުލާ ވޯޓް ކަރުދާަސްކޮޅުގައި އޮންނާނެކަމަށް ޤަބޫލެއް ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ވަޒީރު އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމަށް ދެއްވި އިންޓިވައުއެއްގައި އަމީން ވިދާޅުވީ ސަރުކާރުގެ ތެރޭގައި މަސައްކަތް ކުރެއްވި ދުވަސްވަރު އިވިވަޑައިގެން އަޑުތަކާއި، ކުރެވުނު ތަޖުރިބާއަށް ބަލާއިރު، އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކާއިއެކު ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ރައީސް ޔާމީން ނަން ވޯޓް ކަރުދާސްކޮޅުގައި އޮންނާނެކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

އަމީން ވިދާޅުވީ ރައްޔިތުން އެކަންކަމުން ދުރުވާންވެގެން ރައީސް ޔާމީން އިންތިޚާބުކުރި ހުރިހާކަމެއް ރައީސް ޔާމީން ކުރައްވައިފިކަމަށާ، މިސަރުކާރުން ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށް، ސުޕްރީމް ކޯޓްގައި ތަޅުއަޅުވާ، ފަނޑިޔާރުން ހައްޔަރުކޮށް، ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅާފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ މިއަދު ރާއްޖޭގައި އޮތީ ސަރުކާރެއްގައި ހިމެނެންޖެހޭ އެއްވެސް ސިފައެއްނެތް ސަރުކާރެއް ކަމަށާއި، ސަރުކާރުގެ އެކި މުއައްސަސާތަކާއި، އެ މުއައްސަސާތަކުގެ ވެރިންގެ މެދުގައި ވަރަށް ވަރުގަދަ އިތުބާރަކާއި، ހަރުދަނާ ގުޅުންތަކެއް އޮންނަންޖެހޭ ކަމަށާއި ނަމަވެސް މި ސަރުކާރުން ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ މެދުގައި ފިތުނަވެރިކަން އޮތް މަންޒަރު ކަމަށެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ރައީސް ޔާމީންގެ ޢަމަލުތައްހުރީ ބިރުދައްކައިގެންނާއި، ޤާނޫނީ ގޮޅިއަށް ހުރިހާ ބޭފުޅުންވެސް ފައްތައިގެން ސަރުކާރުގެ ތެރޭގައި ގެންގުޅުމުގެ ސިޔާސަތެއް ކަމަށެވެ.

އަދި ޤާނޫނީ އިމުން ބޭރުން ޕީޕީއެމް ހިސާރުކޮށްފައިވާއިރު، ޕާޓީގައި ތިބި އާންމުން މެމްބަރުންގެ ތާއީދު ރައީސް ޔާމީނަށް ނެތުމަކީވެސް އިންތިޚާބުގައި ލާ ވޯޓް ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން ނޯންނާނެ ސަބަބެއްކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރައްޔިތުން މާޔޫސްވާންޖެހޭ ޙާލަތެއް ޤައުމުގައި ނެތްކަމަށާއި ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މިޤައުމުގައި ތަންފީޒުވާނެ އަމުރެއްކަމަށެވެ. އަދި ފެބުރުއަރީ 1ގެ އަމުރަށްފަހު ރައީސް ޔާމީން ހުންނެވީ ގާނޫނު އަސާސީއާއި ޚިލާފުވެފައިކަމަށާ އެ އަމުރު ތަންފީޒުކުރަން ދެކޮޅު ހެދުމަށްފަހު ކުރަމުންދާ ގިނަ ކަންކަމަކީވެސް ޤާނޫނާއި ޚިލާފު ކަންކަންކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޙަރަކާތްތެރިން ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަކީ ސަރުކާރު ދެމެހެއްޓުމަށް ރައީސް ޔާމީން ކުރައްވާކަމެއް ނަމަވެސް މީހުން ބަންދުކޮށްގެން ކުޑަދުވަަސްކޮޅަކު ގެންގުޅެވުނު ނަމަވެސް އުފާވެރި ނަތީޖާއެއް ދުވަހަކުވެސް މި ސަރުކާރާއި ބައްދަލުކޮށްފައިނުވާ ކަމަށެވެ.

އަމީން ވިދާޅުވީ އިސްލާހީ މަސައްކަތް މި ކުރެވެނީ އެތެރެއަކުން އެކަންޏެއް ނޫން ކަމަށާއި، މާލޭގައި ތިބި އެންމެން ޖަލަށްލީނަމަވެސް އިރާދަކުރެއްވީތީ މި މަސައްކަތުގައި ދެމި ތިބޭނެ އެތަށް ލީޑަރުންނެއް ރާއްޖެއިން ބޭރުގައިވެސް އެބަތިއްބެވި ކަމަށެވެ.