ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި މެދު ގާނޫނީ އިޖުރާއަތުތަކުން ބޭރުން އަމަލު ކުރަމުންދާ އިރު ހިމޭނުން އޮންނާތީ ކުރީގެ ބަނޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ފާޑުވިދާޅުވެފައި ވަނީ ޤާނޫނާއި ޚިލާފަށް ސަރުކާރުން ޢަމަލުކުރަމުންދާއިރު ވެސް ސުޕްރީމް ކޯޓުން ހިމޭނުން އޮންނާތީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
Qaanoonuga bunaa saafu ijuraa'athaa khilaafah Utthama Fandiyaaraai SC ge ithuru fandiyaaraku sarukaarun hayyarukoh raheenukohfavaairu SC manmanuvefa othumakee ladhuvethikameh.
— Dhiyana 🎈?🌹 (@dhiyanasaid) March 31, 2018
އެ ޓްވީޓްގައި ދިޔާނާ ވިދާޅުވީ ޤާނޫނުގައި ބުނާ ސާފު އިޖުރާއަތާ ޚިލާފަށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އިތުރު ފަނޑިޔާރަކު ސަރުކާރުން ހައްޔަރުކޮށް ރަހީނުކޮށްފައިވާއިރު، ސުޕްރީމް ކޯޓް މަންމަނުވެފައި އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއައި ރިޝްވަތުގައި ހިފުމުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަމުންދާ އިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރަމުންނެވެ.
ޓެރަރިޒަމުގެ ދައުވާއާއި ގުޅިގެން ދެ ބޭފުޅުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނާ މެދު އަމަލު ކުރަމުންދަނީ ޤާނޫނާ ހިލާފަށް ކަމަސް ބުނެ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފައެވެ.