Last Updated: June 27, 09:51
Saturday, June 27, 2026
ޚަބަރު

މަޖޫރީން މަސައްކަތް ހުއްޓާލާ އިހުތިޖާޖު ކުރަނީ

މަޖޫރީން މަސައްކަތް ހުއްޓާލާފައި އިހުތިޖާޖު ކުރަނީ- ފޮޓޯ: ޓްވިޓާ (ސަންގޯރު)

މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން ވިޔަފާރި ބަނދަރުގެ މަޖޫރީން މިއަދު މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދުން ފެށިގެން ޢަމަލު ކުރަން ފެށި އާ އުސޫލުގައިވާ ގޮތުން މުދާ އުފުލޭނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުން ބޯޓުފަހަރުތަކާއި ދޯނި ފަހަރަށް މުދާ އުފުލޭނީ ހެނދުނު 8:00 އިން އިރުއޮއްސި 6:00 ށެވެ. އަދި މާލެތެރޭގެ ފިހާރަތަކަށާއި އާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އުޅަނދު ބޭނުންކޮށްގެން މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

އަލަށް އެކުލަވައި ޢަމަލު ކުރަން ފެށި ގަވާއިދުގެ ސަބަބުން އެމީހުންގެ މަސައްކަތް ދެ ގުނަ ބޮޑުވާނެ ކަމަށް ބުނެ މަޖޫރީން މިއަދު މަސައްކަތް ނުކުރަން ނިންމާފައިވާއިރު، މަޖޫރީން ބުނާގޮތުން މި އުސޫލުގެ ސަބަބުން އެމީހުން 24 ގަޑިއިރު މަސައްކަތް ކުރަން ޖެހޭނެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދާ މަޖޫރީން މަސައްކަތް ހުއްޓާލައި ބީއެމްއެލް އިސްލާމިކް ބޭންކް ހިންގާ އިމާރާތުގެ ކުރިމަތީގައި ހުންނަ އެމީހުންނަށް ޚާއްސަކޮށްފައިވާ ޖަގަހައިގައި މަޑުކޮށްގެން ތިބެ ބުނަމުންދަނީ ކުރީގައިވެސް މުދާ އުފުލުމަށް ކަނޑައަޅާފައިވާ ގޮތަށް މުދާ އުފުލުމުގެ ފުރުސަތު ހަމަޖައްސައި ދިނުމަށެވެ.

މަޖޫރީން ދަނީ ދުވާލު ގަޑީގައި ދޯނިތަކުން މުދާ ހުސްކޮށް އަދި މުދާ ބަރުކުރުމަށްފަހު ރޭގަނޑު މާލޭތެރެއަށް މުދާ އުފުލަންޖެހޭނެކަމަށާއި އެގޮތަށް އަނެއްދުވަސް ވަންދެން އެއްވެސް އަރާމެއްނެތި އުޅެން ޖެހޭނެ ކަމަށާއި، ނިދާނެ ވަގުތެއްވެސް ނުލިބޭނެ ކަމަށްބުނެ ޝަކުވާ ކުރަމުންނެވެ.

އާ އުސޫލުގެ ކުރިން މަޖޫރީން މަސައްކަތްކުރަމުން އައީ ދޯނިފަހަރަށާއި މާލެ ތެރެއަށް ދުވާލުގެ ކޮންމެ ވަގުތެއްގައި ވެސް މުދާ އުފުލުމުގަ އެވެ. އޭރު އެ މީހުންގެ މަސައްކަތް ހަވީރު ހަތަރެއް ޖަހާއިރު ނުވަތަ ރޭގަނޑުު ނުވައެއް ޖެހުމުގެ ކުރިން ނިންމާލަ އެވެ. ނަމަވެސް މިއަދުން ފެށިގެން އަމަލު ކުރާ އާ އުސޫލުގެ ދަށުން މާލޭ ވިޔަފާރި ބަނދަރުން މާލެތެރެއަށް މުދާ އުފުލޭނީ ހަމައެކަނި ރޭގަނޑު އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ މާލޭގައި މުދާ އުފުލުމަށް ވަކި ޚާއްސަ ގަޑިތަކެއް ކަނޑައަޅަންޖެހުނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީއާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާއްމު ރައްޔިތުންނަށް މަގުތަށް ބޭނުންކުރުމުގައި ދަތިވަމުންދާތީ ކަމަށެވެ.

އަދި ކުރިން ކަނޑައެޅި ގަޑިތަކަށް ފަހުން ގެނެސްފައި މިވާ ބަދަލު ގެނެސްފައިވަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިތީން ބުނެ އެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. ނަމަވެސް ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހެނދުނު 08:30 އިން ފެށިގެން 11:00 އަށް އަދި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އުފުލޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެ އެވެ.