Last Updated: June 12, 11:16
Friday, June 12, 2026
ދުނިޔެ

އިޒުރޭލަކީ ޓެރަރިސްޓް ދައުލަތެއް: އުރުދުޣާން

އިޒުރޭލަކީ ޓެރަރިސްޓު ދައުލަތެއް ކަމަށާއި އެ ތަނުގެ ވެރިޔާ، ބެންޖަމިން ނަތެންޔާހޫއަކީ ކަނޑައެޅިގެން ޓެރަރިސްޓެއް ކަމަށް ބުނެ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިޒުރޭލަށް ފާޑުވިދާޅުވެއްޖެއެވެ.

ތުރުކީ އަސްކަރިއްޔާއިން ސީރިޔާގައި ހިންގަމުން އަންނަ އަސްކަރީ އޮޕަރޭޝަނަކަށް ނަތެންޔާހޫ ފާޑުކިޔުމުން އުރުދުޣާން ވަނީ ނަތެންޔާހޫއަށް ފާޅުގައި ރައްދު ދެއްވައި، ޓެރަރިސްޓެއް ކަމަށް ތުހުމަތުކޮށްފައެވެ.

އުރުދުޣާން އަކީ ވަރަށް ނިކަމެތި ފަގީރެއް ކަމަށާއި އޭނާ ކުރާ ކަމަކީ ސީރިޔާގެ އަވަށްތަކަށް ބޮން އެޅުން ކަމަށް ބުނެ ނަތަންޔާހޫ ފާޑުކިޔުމުން އުރުޣާން ރައްދު ދެއްވަމުން ވިދާޅުވެފައިވަނީ އޭނާ ޑީލް ކުރަމުން އަންނަނީ ޓެރަރިސްޓު ބައިގަނޑަކާއި ކަމަށެވެ.

އަދި ނަތަންޔާހޫ ހަމަލާ ދެމުން އަންނަނީ ޓެރަރިސްޓުންނަށް ނޫން ކަމަށާއި އޭނާއާއި އޭނާގެ ދައުލަތަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް އުރުދުޣާން ވަނީ ފާޅުގައި ވިދާޅުވެފައެވެ.

ނަތަންޔާހޫ އިސްވެ ހުރެ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން އަންނަ އަނިޔާ ތާރީޚުގައި ލިޔެވިގެން އަންނާނެ ކަމަށް ވިދާޅުވެ އުރުދުޣާން ވަނީ ނަތަންޔާހޫގެ ޓެރަރިސްޓު ދައުލަތުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން އަންނަ ރަހުމުކުޑަ އަނިޔާތައް ކުށްވެރި ކޮށްފައެވެ.