Last Updated: July 28, 18:24
Tuesday, July 28, 2026
ކުޅިވަރު

ސިޓީ އަށް ލިވަޕޫލް މައިތިރިކުރެވޭނެ: ޑިބްރުއޭނާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާއި މެން ސިޓީ ބުދަ ދުވަހުގެ ރޭ ބައްދަލުކުރާއިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ލިވަޕޫލް ފޯވާޑް ލައިނަށް ތައުރީފް ކުރި ނަމަވެސް ސިޓީއަށް ލިވަޕޫލް ހުއްޓުވޭނެ ކަމަށް އެޓީމުގެ މިޑްފީލްޑަރ ކެވިން ޑިބްރުއޭނާ ބުނެފިއެވެ.

ގާޑިއޯލާ ވަނީ ލިވަޕޫލްގެ ފޯވާޑްލައިނުގައި ތިބީ ވަރަށް މޮޅު ކުޅުންތެރިން ކަމަށް ބުނެ ތައުރީފް ކޮށްފައެވެ. ނަމަވެސް ޑިބްރުއޭނާ ގަބޫލުކުރާ ގޮތުގައި ސިޓީއަށް ލިވަޕޫލް ހުއްޓުވޭނެއެވެ. މިދެޓީމު އެންމެ ފަހަކަށް ބައްދަލުކުރި މެޗު ލިވަޕޫލް ވަނީ 3-4 އިން ކާމިޔާބުކޮށްފައެވެ. އެ މެޗު ކުޅެފައިވަނީ ލިވަޕޫލްގެ ދަނޑު، އެންފީލްޑުގައެވެ.

ބުދަ ދުވަހުގެ ރޭ މެޗުވެސް އެންފީލްޑުގައި ކުޅޭއިރު އަންނަ އެ މެޗަށް ފަހު ސިޓީ ކުޅެން ޖެހެނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ. ނަމަވެސް ގާޑިއޯލާ ބުނެފައިވަނީ އޭނާއަށް ޔުނައިޓެޑު މެޗަށްވުރެ މުހިންމީ ލިވަޕޫލް މެޗު ކަމަށެވެ.

ޔުނައިޓެޑާ ދެކޮޅަށް ސިޓީ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ސިޓީއަށް މިސީޒަނުގެ ތަށި ޔަގީން ކުރެވޭނެއެވެ. ގުއާޑިއޯލާގެ ސިޓީ ޓީމު މިސީޒަނުގައި ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ. ލީގުގައި ސިޓީ ބަލިކުރި ހަމައެކަނި ޓީމަކީވެސް ލިވަޕޫލްއެވެ.