ރަސްފަންނުގައި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހަދާ ޕެވިލިއަން އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީ"ގެ ފްރެންޗައިސް ރެސްޓޯރެންޓަކާ އެކު މިރޭ ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ އޮފިޝަލަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި މިރޭ ހުޅުވުމަށް ހަމަޖެހިފައި ވަނީ ޕެވިލިއަންގެ ދެވަނަ ބުރި އެކަނި ކަމަށާއި، މުޅި ޕެވިލިއަން އެއްކޮށް ހުޅުވާނެ ދުވަސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީ" ފްރެންޗައިޒްގެ ރެސްޓޯރެންޓަކާއެކު މިރޭ ޕެވިލިއަން ހުޅުވާއިރު، ގްލޯރިއާ ޖީންސް ބްރޭންޑްގެ 1،000 އަށް ވުރެ ގިނަ ރެސްޓޯރަންޓް ދުނިޔޭގެ 39 ޤައުމެއްގައި ހުރެއެވެ. މިރޭ އެ ރެސްޓޯރެންޓް ހުޅުވާނީ 20:30 ގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޕެވިލިއަން ހިންގަން އެމްޑަބްލިއުއެސްސީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލި ބިޑް ކާމިޔާބުކުރީ ސިބްކޯ ޕްރައިވެޓް ލިމިޓެޑުންނެވެ.
ސިބްކޯގެ އިސް އޮފިޝަލަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ގާތްގަނޑަކަށް 900 މީހުންގެ ޖާގައިގެ ޕެވިލިއަން ހުޅުވާއިރު، ގްލޯރިއާ ޖީންސް ކޮފީއާ އެކު އިތުރު ތިން ބްރޭންޑެއްގެ ފްރެންޗައިޒް ރެސްޓޯރަންޓްތަކެއް ވެސް ހުންނާނެ އެވެ.
އެކަމަކު ދެން އަންނާނީ ކޮން ބްރޭންޑްތަކެއްގެ ރެސްޓޯރަންޓްތަކެއް ކަމެއް އަދި ނޭނގެއެވެ.
އެނގިފައިވާ ގޮތުގައި ޕެވިލިއަންގައި ފާސްޓްފުޑް ބްރޭންޑްތަކެއްގެ އިތުރުން ފައިން ޑައިނިން ރެސްޓޯރަންޓް ބްރޭންޑެއް ވެސް އަންނާނެ އެވެ.