އިދިކޮޅު ފަރާތްތަކުން ހުރަސް އެޅިޔަސް މި ސަރުކާރުން ކުރާ ތަރައްގީގެ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި އަލި އަޅުވާލާފައިވަނީ ދިއްދޫ މަގު ހެދުމުގެ މަޝްރޫއަށެވެ. ދިއްދޫ ކައުންސިލް ސަސްޕެންޑު ކޮށްފައިވާއިރު މުއިއްޒު ވިދާޅުވެފައިވަނީ އެލްޖީއޭ އާއި ފުލުހުންގެ އެހީތެރިކަމާއެކު އިދިކޮޅު ފަރާތްތަކުން އެއްކައިރި ކޮށްފައި ނަމަވެސް ތަރައްގީ ކުރިޔަށް ގެންދާނެ ކަމަށެވެ.
މީގެ ދެ ހަފްތާ ކުރިން އެލްޖީއޭ އިން ދިއްދޫ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސާއި އިތުރު ދެ ކައުންސިލަރަކު ސަސްޕެންޑު ކުރީ ގަވާއިދާއި ޚިލާފަށް ނޫސް ބަޔާނެއް ނެރުނު ކަމަށް ބުނެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން އިތުރު ދެ ކައުންސިލަރަކުވެސް ވަނީ ނޫސް ބަޔާނެއް ނެރުނު މައްސަލާގައި ސަސްޕެންޑު ކޮށްފައެވެ.