Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ކުއްލި ހާލަތު އިއުލާން ކުރީ ގޮންޖެހުންތަކާ ހެދި: ރައީސް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން ޖެހިވަޑައިގަތީ މީގެ ކުރިން ދިމާ ނުވާ ފަދަ ގާނޫނީ ގޮންޖެހުންތަކާ ކުރިމަތިލާން މަޖުބޫރުވުމުން ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ގައުމުތަކުން އދ. އަށް ކަނޑައަޅުއްވާފައިވާ ޕަރމަނަންޓް ރެޕްރެސެންޓޭޓިވުންގެ ވަފުދަކާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވަނީ މިއަދު ރައީސް އޮފީހުގައި ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު އަރުވާފައެވެ.

އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ގާނޫނާ ޚިލާފު ކަންތައްތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެކަންތައްތަކުގެ ތަފްސީލު ވަފުދާއި ހިއްސާ ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ކުއްލި ހާލަތު އިއުލާން ކުރެއްވީ އިތުރު ގޮތެއް ނެތިގެން ކަމަށާއި ނަމަވެސް، ރާއްޖޭގައި ކާފިއު އެއް އިއުލާން ނުކުރާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 45 ދުވަސް ވަންދެން ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި އޮތް ނަމަވެސް އާންމުންގެ ދިރިއުޅުމަށާއި ޚިދުމަތްތަކަށް ބުރުލެއް އަރާފައި ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މި ބައްދަލުވުމުގައި ސިޔާސީ ގޮތުން ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް އދ. ގެ ވަފުދާއި ހިއްސާ ކުރައްވާފައެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކާއި ރާއްޖޭގެ ބޯޑަރު ހުރަސް ކުރަމުން އަންނަ މައްސަލަވެސް އެ ވަފުދުގެ ސަމާލުކަމަށް އެމަނިކުފާނު ވަނީ ގެނެސްފައެވެ.

ކޮންމެ ގައުމެއްގައި ވެސް ތަފާތުކަންތައް ހުންނާނެ ކަމަށާއި އެކަން ހުރިހާ ގައުމުތަކުން ވެސް ގަބޫލު ކުރައްވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ގައުމުތަކުން ވެސް ކަންތައް ކުރަންވާނީ އެއް އާއިލާއެއްގެ ގޮތުގައި ދެކިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ވުމާއި ސިޔާސީ ގޮތުން ސަރުކާރުން ނަގާ ފިޔަވަޅު ތަކުގެ ސަބަބުން ރައީސް ޔާމީނަށް ބޭރުގެ ޕްރެޝަރު ކުރިމަތިވަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ސަރުކާރުން މިކަން ދޮގު ކުރި ނަމަވެސް އީޔޫގެ ވަފުދެއް ރާއްޖެ އައުމުން ސަރުކާރުން ބައްދަލު ނުކުރި ކަމަށް ބުނެ އީޔޫ އިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.