އެކި ޤައުމުތަކުން އ.ދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބޭފުޅުން ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ މި ޒިޔާރަތަކީ "ޑިވެލޮޕިންގ ސަސްޓެއިނަބިލިޓީ، ޝެއަރިންގް އެކްސްޕީރިއަންސަސް، ސީކިން ސޮލިއުޝަންސް"ގެ ނަމުގައި ރާއްޖޭގައި ބާއްވާ ސެކަންޑް އެމްބެސަޑޯރިއަލް ވޯރކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި، ބޭރު ދުނިޔެއިންވެސް ޤަބޫލުކުރާ، މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާބެހޭ މަޢުލޫމާތު ވަފުދުގެ ބޭފުޅުންނާ ޙިއްޞާކުރައްވާފައެވެ. ރާއްޖޭގެ ސިނާއީ އެކި ދާއިރާތަކުގައި ގެންގުޅެނީ ތިމާވެއްޓާ ރަށްޓެހި ދެމެހެއްޓެނިވި އުޞޫލުތަކެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ބައްޓަންކުރައްވާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް އިސްކަންދީގެންކަމަށާއި، މީގެ ތެރޭގައި ދާ އަޅައިގެން މަސްވެރިކަން ނުކުރުމާއި، ރިސޯޓްތަކާއި އެކި މުޢައްސަސާތައް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ވެރިކަމުގެ މިވީ 4 އަހަރު ދުވަހުގެ ތެރޭގައި ބޮލަކަށްޖެހޭ އާމްދަނީގެ މިންވަރު ދެގުނައަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލަކަމުގައި ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ރައްޔިތުންގެ ހުވަފެންތައް ހަޤީގަތަކަށް ހެއްދެވުމަށް ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ، ސާސްކަފުގެ 8 ލަނޑުދަނޑީގެ ތެރޭގައި ހިމެނޭ 5 ލަނޑުދަނޑިއެއް ރާއްޖެއިން ހާޞިލު ކުރައްވާފައިވާކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވިގޮތުގައި މީގެ 20 އަހަރު ނުވަތަ 15 އަހަރު ކުރިޔާއަޅާ ބަލާއިރު ރައްޔިތުން ބޭނުންވާ ކަންތައްތައް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައިކަމަށާއި، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ރާއްޖެ މިވަނީ ތަފާތު އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދާ ހަލުވި ކަމާއެކު ތަރައްޤީ ހާޞިލުކޮށްފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަންކަން ޙާޞިލުކުރުމުގައި އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް ހޯއްދަވައިދެއްވުން ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ރާއްޖެއަށް ކުރިމަތިވަމުން އަންނަ އާދަޔާ ޚިލާފު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ އެކަންއެކަން އ.ދ. ގެ ވަފުދުގެ ބޭފުޅުންނާ ޙިއްޞާ ކުރައްވާފައެވެ. މީގެ ތެރޭގައި ރާއްޖެ ޤުދުރަތީގޮތުން އުފެދިފައިވަނީ ކަނޑުގެ ބޮޑު ސަރަޙައްދެއްގައި އަތުރާލެވިފައިވާ ކުދި ކުދި އެތަށް ޖަޒީރާ ރަށްތަކެއްގެ މައްޗަށްކަމަށާއި، ކޮންމެ ރަށެއްގެ އާބާދީއަކީ ނިސްބަތުން ބޮޑު އާބާދީއަކަށް ނުވި ނަމަވެސް ބޮޑެތި އާބާދީތަކެކޭ އެއްފަދައިން ކުދި އާބާދީތަކުގެ ރައްޔިތުންގެވެސް ބޭނުންތަކަކީ ހަމަ އެއް ބޭނުން ތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އަބަދުވެސް ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތާއި، ރާއްޖޭގެ ވަޞީލަތްތައް މަދުވުމާއި، ރާއްޖޭގައި ނާޒުކު ތިމާވެށްޓެއް އޮތުން ހިމެނޭކަމުގައި ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުވަނީ ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން ޓެރަރިޒަމުގެ މައްސަލަތަކާއި ރާއްޖޭގެ ބޯޑަރު ހުރަސްކުރުމަށް މަސައްކަތްކުރުން ފަދަ މައްސަލަތައް ކުރިމަތިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ މައްސަލަތައް އެހެން ޤައުމުތަކަށްވެސް ކުރިމަތިވާނެ ކަމަށް ވިދާޅުވެ މިކަން ރާއްޖެއަށް ކުރިމަތިވަނީ އެހެން ޤައުމުތަކާ ސަރަޙައްދީ ގޮތުން ތަފާތުވުމުންކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
އެކި ޤައުމުތަކުގައި ތަފާތުތަކެއް ހުރެދާނެކަން ހުރިހާ ޤައުމުތަކަކުންވެސް ޤަބޫލުކުރަން ވާނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ތަފާތުތައް ހުރިކަމުގައިވިއަސް ކަންތައްތައް ކުރަންވާނީ ހަމަހަމަކަމާއެކު ޢާއިލާއެއްގެ މެންބަރުންގެ މެދުގައި ކަންތައްތައް ކޮށްދޭ އުޞޫލުން ކަމުގައެވެ. އަދި ރާއްޖެއިން ވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާމަންކަން ކުރައްވައި، ޔޫ.އެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ވިދިވިދިގެން ދެ އަހަރު ކާމިޔަބުކުރައްވާފައިކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.
މިގޮތުން ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަށް ރައްކާތެރިކުރުމަށާއި، އަދި ތިމާވެށީގެ މައްސަލަތަކުގެ އަޑު އުފުލާ، ތިމާވެށީގެ މައްސަލަތައް އެންމެ ކައިރިން ބަލަމުންދާ އެއް ޤައުމުކަން، މިކަންތައްތަކުންވެސް މުޅިދުނިޔެއަށް ސާބިތުވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަޙާ ބެހޭ މަޢުލޫމާތު މި ވަފްދުގެ ބޭފުޅުންނާ ޙިއްޞާކުރައްވާފައެވެ. އަދި ދިވެހިރާޖޭގައި ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގެންނެވީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުންކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިނަމަވެސް ރާއްޖޭގައި އޮތީ ކާފިއު އެއްނޫކަމަށާއި، މި ކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި، އާންމުކޮށް ދެވޭ ޚިދުމަތްތަކަށް އެއްވެސް ވަރަކަށް ބުރޫ އަރާފައި ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ރައީސް ޔާމީން ވިދާޅުވީ ހުރިހާ ދިވެހި ރައްޔިތުންނަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެއިތުރުން، ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އ.ދ. އަށް ކަނޑައަޅާފައި ތިއްބެވި ވަފްދުގެ ބޭފުޅުން ވަނީ ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިމަތިވާ ގޮންޖެހުންތައް ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. އަދި، މި ވަފްދުގެ ބޭފުޅުން ވަނީ މި ސަރުކާރުގައި ހުރި ސިޔާސީ އަދި އިޤްތިޞާދީ ރޮނގުން އެބޭފުޅުން ތާއީދުކުރައްވާ ކަންތައްތައް ފާހަގަކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، އ.ދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަސީރު މުޙައްމަދާއި، ފޮރިން ސެކްރެޓަރީ، އަޙްމަދު ސަރީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.