Last Updated: June 27, 09:51
Saturday, June 27, 2026
ޚަބަރު

މާލޭގައި "ބާގަ ކިންގް" އާއި "ކޮފީ ކްލަބް" ހުޅުވައިފި

މާލޭގައި ހުޅުވި ބާގަ ކިންގް – ފޮޓޯ: ވަގުތު (އަޝްހާދް އަބްދުﷲ (ޖެރީ))

ދުނިޔޭގެ އެންމެ މަޝްހޫރު ފްރެންޗައިޒް ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ "ބާގަ ކިންގް" އާއި "ކޮފީ ކްލަބް"ގެ އައުޓްލެޓްތައް މާލޭގައި ހުޅުވައިފިއެވެ.

މާލެ އިން ހުޅުމާލެއަށް ފުރާ ފެރީ ޓާމިނަލް ހުންނަ އިމާރާތުގައި މިރޭ މި ދެ އައުޓްލެޓް ހުޅުވާފައިވާއިރު، މިހާރު މި ދެ އައުޓްލެޓުން ވެސް ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

މިރޭ ހުޅުވިގެންދިޔަ މި ދެ އައުޓްލެޓްގެ ތެރެއިން "ބާގަ ކިންގް" ހުޅުވާފައި ވަނީ ސީހައުސް ރެސްޓޯރެންޓާ އިންވެގެން ކުރިން ހިންގަމުން އައި އޯޝަން ބްރީޒް ރެސްޓޯރެންޓްގެ ބައިގައެވެ. އަދި "ދަ ކޮފީ ކްލަބް" ހުޅުވާފައި ވަނީ އެ އިމާރާތަށް ބައެއް އިތުރު ކޮށްގެންނެވެ.

މާލެ ގައި "ބާގާ ކިންގް" އާއި "ދަ ކޮފީ ކްލަބް" ހުޅުވާފައިވާއިރު، މި ދެ ބްރޭންޑްގެ ރެސްޓޯރެންޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ.

ވެލާނާ އެއާޕޯޓްގައި ވާ މި ބްރޭންޑްތަކުގެ ދެ އައުޓްލެޓްގެ އިތުުރުން މާލޭގެ އައުޓްލެޓްތައް ވެސް ހިންގާނީ ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލްގެ ސަބްސިޑިއަރީއެއް ކަމަށްވާ މައިނާ ފުޑްސް އިންނެވެ.

70 މީހުންގެ ޖާގައިގެ ބާގާ ކިންގާއި 66 މީހުންގެ ޖާގައިގެ ކޮފީ ކްލަބް މިއަދު ވަގުތީ ގޮތުން ހުޅުވި ނަމަވެސް، ރަސްމީކޮށް ހުޅުވަން ފަހުން ހަފުލާއެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.