Last Updated: June 12, 11:16
Friday, June 12, 2026
ކުޅިވަރު

އެންމެން ވެސް ބޭނުން ވަނީ ރެއާލް ކަޓުވާލަން: ޒިދާން

ހުރިހާ ޓީމަކުންވެސް ބޭނުންވަނީ ރެއާލް ކުއާޓާ ފައިނަލުން ކަޓުވާލަން ކަމަށް އެޓީމުގެ ކޯޗު، ޒިނެދީން ޒިދާން ބުނެފިއެވެ.

ރެއާލްއަށް ޖެހި ޖެހިގެން ދެ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާން މިފަހަރުވެސް ނިކުތީ ތަށި ކާމިޔާބު ކުރުމަށެވެ. އޭނާގެ ޓީމަށް މި ސީޒަނުގައި ލީގުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ޗެމްޕިއަންސް ލީގުގައި ރެއާލް ހިފަހައްޓާލަން ހުރިހާ ޓީމަކަށްވެސް ވަނީ ދަތިވެފައެވެ.

ކުއާޓާ ފައިނަލުގައި މިދިޔަ އަހަރުގެ ފައިނަލުގައި، ރެއާލާ ވާދަކޮށް ބަލިވި ޔުވެންޓަސްއާ ޖެހިފައިވާއިރު ޒިދާން ބުނަނީ ޔުވެންޓަސްގެ އިތުރުން މުބާރާތުގައި ބާކީ ތިބި 6 ޓީމުވެސް ބޭނުންވަނީ ރެއާލް ކަޓާ ތަން ބެލުމަށް ކަމަށެވެ.

ނަމަވެސް އޭނާގެ ޓީމު އޮތީ ބަލިވާކަށް ނޫން ކަމަށާއި މިމެޗަށް ރެއާލް އޮތީ ފުރިހަމައަށް ތައްޔާރު ވެގެން ކަމަށް ޒިދާން ބުންޏެވެ.

ފައިނަލް މެޗު 1-4 އިން ރެއާލް ކާމިޔާބުކުރި ނަމަވެސް ޒިދާން ބުނަނީ އެ މެޗަށް ބަރޯސާ ވާން ބޭނުން ނުވާ ކަމަށެވެ. ސަބަބަކީ އެއީ މީގެ 10 މަސް ކުރިން ހިނގާދިޔަ ކަމެއް ކަމަށާއި އެ މެޗަށް ބަލައިގެން ކުޅުމުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ޒިދާން ބުނެފައިވެއެވެ.