ގޮތެއްފޮތެއް ސުމާރެއް ނެތި ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހައްގަށްވެސް އެންމެ ފަހުން މި ސަރުކާރުން އަރަން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު، އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި އަލީ ހުސެއިން ވިދާޅުވެފައިވަނީ މީހަކު ހައްޔަރުކުރުމަށް ފަހު، ވީ އެންމެ އަވަހަކަށް އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެއަށް ބޯލެނބުމެއް ނެތި މިހާރު ސަރުކާރުން އަރަމުން ދަނީ، ރައްޔިތުންގެ ދިރިއުޅުމުގެ ހައްގަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންސާނީ ހައްގުތަކުގެ މުހިންމުކަން ތަސައްވަރު ނުކުރެވި ފުލުހުންގެ ފަރާތުން މިފަދަ އަމަލުތައް ފެންނަ ކަމަށްވާ ނަމަ، އެންމެ ފުރަތަމަ ފުލުހުންނަށް އިންސާނީ ހައްގުތައް ދަސްކޮށްދޭން ޖެހޭ ކަމަށް އަލީ ހުސެއިން އިތުރުކޮށްފައިވެއެވެ.
މިސަރުކާރަށް ފާޅުގައި އެންމެ ބޮޑަށް ފާޑުވިދާޅުވަމުން އަންނަ އެއް ބޭފުޅަކަށް އަލީ ހުސެއިން ވެފައިވާއިރު އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދަވެސް ކޯޓުން ވަނީ ސަސްޕެންޑުކޮށްފައެވެ. މިއީ އަލީ ހުސެއިންގެ ވަކާލާތުކުރުމުގެ ހުއްދަ ސަސްޕެންޑު ކުރި ދެވަނަ ފަހަރެވެ.