Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މެނިފެސްޓޯގެ 95 ޕަސެންޓް ހާސިލުވެއްޖެ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ހުށައެޅި މެނިފެސްޓޯގެ 95 ޕަސެންޓު ވަނީ ހާސިލުވެފައި ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު ވަނީ ރައީސް ޔާމީންގެ މެނިފެންސްޓޯގެ ބޮޑުބައި ނިމިފައެވެ. އެގޮތުން ޒުވާނުން ކުރިއެރުވުމާއި ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމާއި، ސިއްހީ ދާއިރާ ކުރިއެރުވުމާއި ތައުލީމީ ދާއިރާއަށް ގެނައި ކުރިއެރުމަކީ މެނިފެސްޓޯގެ 95 ޕަސެންޓު ކަމަށް ޚަލީލް ވިދާޅުވެފައިވެއެވެ.

އަދި މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ އިތުރުން ވެސް ގިނަ ގުނަ ކަންތައްތަކެއް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ކުރައްވާފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރެވޭނެ ތަނެއް ނުފެންނަ ކަމަށާއި އެންމެ މޮޅަށް ކެމްޕޭނުވެސް ކުރާނީ ޕީޕީއެމުން ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.

ޚަލީލް މިހެން ވިދާޅުވި ނަމަވެސް ރައްޔިތުން އަންނަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައުދުވި ގިނަ ކަންތައްތަކާ މެދު އަޅާވެސް ނުލާ ދޫކޮށްލާފައިވާ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. އެގޮތުން ބެޔަސް، ނުބެޔަސް 10،000ރ. ކޮންމެ މަސްވެރިއަކަށް ދޭން ވައުދުވި ކަމަށާއި ކޮންމެ ގެއަކަށް ނަރުހަކާއި ޑޮކްޓަރެއް އަދި ތެޔޮ ބަންކަރު ފަދަ ބޮޑެތި ވައުދުތައް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުން "ހަނދުމަފުޅު ނެތިއްޖެ" ކަމަށް ރައްޔިތުން ބުނެއެވެ.

މިވައުދު ތަކުގެ ވާހަކަ ކުރިން ދެއްކުމުން ޕީޕީއެމުން ވަނީ އެއީ އަސްލު ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނުނު ވައުދުތަކެއް ނޫން ކަމަށާއި، ނަމަވެސް އެއީ އޭރު ކެމްޕޭން ކުރަމުން ދިޔައިރު ބައެއް ކެމްޕޭނު މެނޭޖަރުން ދެއްކި ވާހަކަތަކެއް ކަމަށް ބުނެފައިވާ ކަމަށް ރާއްޖޭގެ މީޑިޔާ ތަކުގައި ވަނީ ޚަބަރު ފެތުރިފައެވެ.