Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

74 މިލިއަން ދައްކަން އަދީބަށް އަންގައިފި

ރައީސް ޔާމީން އާއި އަހްމަދު އަދީބް.

ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބް އަބްދުލްޣަފޫރު ހަފްތާއެއްގެ ތެރޭގައި ދައުލަތަށް 74 މިލިއަން ރުފިޔާ ދައްކައި ޚަލާސް ކުރުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް އެފައިސާ ދެއްކުމަށް އަންގާފައިވަނީ ނަސަންދުރާ ޕެލެސް ހޮޓަލް ހިންގުމަށް 2010 ވަނަ އަހަރު ގެލަކާސީ އެންޓަޕްރައިޒަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެކުވެފައިވާ އެއްބައްވުމުގެ މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި އެ އެއްބަސްވުން އުވާލައި، މުއްދަތު އިތުރު ކުރުމަށް ފީއެއް ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުހޯދާ އެ އެއްބަސްވުމުގައި ލީސް ހޯލްޑް ރައިޓްސް ގަނެފައިވާ އެންޕީއެޗް އިންވެސްޓްމަންޓް އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް އަލުން 50 އަހަރުގެ އެއްބަސްވުމަކަށް ގޮސްފައިވާތީ 74،016،000 ރުފިޔާ ދައުލަތަށް ގެއްލުންވެފައިވާތީއެވެ.

އަދި އެ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އަދީބަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ. އެހެންކަމުން އެ ފައިސާ މާދަމާގެ ނިޔަލަށް އަދީބު، ދައުލަތާއި ހަވާލު ކުރަން ޖެހޭނެއެވެ. ފިނޭންސުން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ފައިސާ، ދީފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ ޕީޖީ އޮފީހަށް މައްސަލަ ހުށައަޅާނޭ ކަމަށެވެ.

ނަމަވެސް ނަސަންދުރާ ޕެލަސް ހޮޓަލް ހުރި ބިން އެއްވެސް އަގެއް ނެގުމަކާ ނުލައި ކުއްޔަށް ދީފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އާއިލީ ބޭފުޅެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށެވެ. މީގެ ކުރިން ރައީސް ވަނީ އަދީބު ދައުލަތުން ވަރަށް ގިނަ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ ކަމަށާއި، ބޭސް ފަރުވާއަށް ބޭރަށް ދެވޭނީ އެފައިސާ ދެއްކުމުން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޖަވާބުގައި އަދީބު ވިދާޅުވީ، ފައިސާއަށް ވީ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޚުދު ރައީސް ޔާމީނަށް ކަމަށެވެ. ސަބަބަކީ އެ ފައިސާ ހަވާލުކުރީ ރައީސް ޔާމީނަށް ކަމަށާއި އެ ފައިސާގެ ތަފުސީލެއް މިހާރު ނޭނގޭ ކަމަށްވެސް އަދީބު ބުނެފައިވެއެވެ.