ރާއްޖޭގެ ސްކޫލްތަކުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ޕްލާސްޓިކްގެ ބާވަތްތައް މަނާ ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެގޮތުން ޕްލާސްޓިކް ފެންފުޅިއާއި ޕްލާސްޓިކް ކޮތަޅުތައް ސްކޫލްތަކަށް ނުގެންނަން ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންނަށް އިރުޝާދު ދެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީގެ ދަށުން ހިންގާ އުފާގެ އޮފިޝަލަކާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްލާސްޓިކް މަނާ ކުރަން ނިންމީ "ފަރުކޮއެ" މަޝްރޫއުގެ ދަށުންނެވެ. ކަނޑުތަކާއި ފަރުތައް ހިމާޔަތް ކުރާ މިކެމްޕޭނުގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގެ 1،500 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ފަރު ދައްކާލާފައެވެ.
މިނިސްޓްރީން ހުރިހާ ސްކޫލްތަކަށް ޕްލާސްޓިކް މަނާ ކުރަން އަންގާފައިވާއިރު މި ހަރަކާތަކީ މިހާރުވެސް ބައެއް ސްކޫލްތަކުން އަމަލުކުރަމުންދާ ހަރަކާތެކެވެ.
ޕްލާސްޓިކް މަނާ ކުރިޔަސް، ދަރިވަރުން އިންޓަވަލްއަށް ގެންނަ ހަމާއި ލަންޗްބޮކްސް ފަދަ ތަކެތި ގެނެވޭނެ ކަމަށް އުފާއިން މައުލޫމާތު ދީފައިވެއެވެ.