މާލޭގައި ދުވާލު ގަޑީގައި މުދާ ނުއުފުލޭ ގޮތަށް ގަވާއިދު ބަދަލުކުރުމުން، މުދާ ކްލިއާ ކުރާ މަޖޫރީން ހަޅުތާލު ކުރުމަށްފަހު މަސައްކަތް ކޮށްދޭ އަގަށް ބަދަލު ގެނައުމުން، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މަޖޫރީން ބޭނުން ގޮތަކަށް އަގު ބަދަލު ކުރަން ފަށައިފިނަމަ އެ ޚިދުމަތް ހުޅުވާލެފައިވާ ޚިދުމަތަކަށް ހަދަން ސަރުކާރަށް ޖެހިދާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްވެސް ބާވަތެއްގެ މުދަލެއް ނުވަތަ ހިދުމަތެއް މި ގަވާއިދަށް ބަދަލެއް ގެނެސްގެން ބޮޑު ކުރަން ސަރުކާރުން ފުރުސަތެއް ނުދޭނަމޭ."
މިނިސްޓަރު ވިދާޅުވެފައިވަނީ ހަމައެކަނި ބަދަލު ގެނައީ މާލޭގައި މުދާ އުފުލޭ ގަޑިތަކަށް ކަމަށެވެ. ދުވާލު މުދާ ނުއުފުލޭ ގޮތަށް ހެދުމަކީ އަގަށް ބޭނުން ބަދަލެއް ގެނެސްގެން ޚިދުމަތް ދިނުމަށް ހުޅުވާލެވުނު އުޒުރެއް ނޫން ކަމަށެވެ. އަދި އެ މަސައްކަތަކީ މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން، ވަކި ބަޔަކަށް ހުއްދަ ދީގެން ކުރާ މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ބަދަލުތައް މަޖޫރީން އަމިއްލައަށް ގެންނަން ފަށައިފިނަމަ ސަރުކާރުން އެކަމުގެ ތެރެއަށް ވަންނާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގެއްގައި މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް ފުރުސަތު ތަނަވަސް ކުރުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިހާރު ހެދިފައިވާ ގަވާއިދުގެ ދަށުން މުދާ މާލެ ތެރޭގައި އުފުލޭނީ ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށެވެ. މި ގަވާއިދަށް އަމަލު ކުރަން ފެށުމުން މަޖޫރީން ވަނީ ރޭގަނޑު މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުނެ މަސައްކަތް ހުއްޓާލާފައެވެ.
ދެ ދުވަސް ވަންދެން މަސައްކަތް ހުއްޓާލުމަށް ފަހު މަޖޫރީން މަސައްކަތް ފެށީ ކުރިން ނެގި އަގުގެ ދެ ގުނަ ނަގައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.