ލިވަޕޫލްގެ ޑިފެންޑަރު، ޖޮއެލް މަޓިޕްއަށް ލިބުނު އަނިޔާއަކާ ގުޅިގެން ސީޒަން ނިމެންދެން ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
ލިވަޕޫލްގެ ފޯވާޑް ލައިން ވަރުގަދަ ވިޔަސް މިސީޒަނުގައި ޓީމުގެ ޑިފެންސް ލައިނުން ފެނިގެން އަންނަނީ އާދައިގެ ކުޅުމެކެވެ. އަދި މަޓިޕްއަށް އަނިޔާވުމާއި ގުޅިގެން ޑިފެންސަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ.
ލިވަޕޫލް އިން ވަނީ މަޓިޕްއަށް އަނިޔާވެ ސާޖަރީ ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. މާދަމާ ރޭ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި މަޓިޕް ނެތުމުން ކޯޗު ޔާގަން ކްލޮޕްއަށް ވަނީ ހާސްކަން ކުރިމަތިވެފައެވެ.
މަޓިޕް އަށް އަނިޔާވެފައިވަނީ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު ލިވަޕޫލް ވަނީ 1-2 އިން ކާމިޔާބުކޮށްފައެވެ.